ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައި ހުންނަ ފިޔަވަތީގައި ރޭ ހިނގާދިޔަ ހާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް ޑިޕާޓްމެންޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރޭ ހިނގި ހާދިސާ ވަނީ އެ ސާވިސްގެ ސަމާލުކަމަށް އައިސްފައި ކަމަށެވެ. އަދި އެހާދިސާގެ މައުލޫމާތު ލިބުމާއިއެކު ވަގުތުން އެކަމަށް އެޓެންޑުވާން ފަށާފައިވާކަމަށް ބުންޏެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަކީ އެކުދިންނަށް ކުރިން ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ބައެއްކަމަށް ޖެންޑާ މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ. އަދި ބުނީ އެ އިހުސާސްތައް އެކުދިން އެކި ގޮތްގޮތުން ބުނެދޭން މަސައްކަތް ކުރާކަަމަށެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ރައްކާތެރިކަން ބޭނުންވެފައިވާ ކުދިންނަށް އެފަދަ މާހައުލެއް ފޯރުކޮށްދިނުމަކީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ އަމާޒު ކަމަށެވެ. މީގެ އިތުރުން ކުޑަކުދިންގެ ކަރާމަތަށް އުނިކަމެއް އަންނާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފިޔަވަތީގައި ކުޑަކުދިންތަކެއް ރޯއަޑު އިވިގެން އާންމުން އެސަރަހައްދަށް އެއްވި އެވެ. ވީޑިއޯގައި ފެންނަ ގޮތުން އެމީހުން އެއްވިއިރު ފިޔަވަތީގައި ކުއްޖަކު ރޯއަޑުވެސް އިވެ އެވެ. ކުޑަކުދިންތަކަކަށް އަނިޔާކުރީ ފިޔަވަތީގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއްކަމަށް ތުހުމަތު ކުރެވެ އެވެ.
މިހާދިސާއާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިންވެސް ދަނީ މައްސަލަ ބަލަމުންނެވެ. އިތުރު ތަފްސީލެއް އެ ކޮމިޝަނުންވެސް އަދި ހިއްސާ ނުކުރެ އެވެ.