ވަޒީފާގެ ވާޗުއަލް ޕްލެޓްފޯމަށް ބޮޑު ބަދަލެއް ގެނަސް އެ ވެބްސައިޓު ރީލޯންޗުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ޖޮބް ސެންޓަރުގެ ވެބްސައިޓު އަލުން ލޯންޗު ކުރީ ރޭ ރ. އަލިފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
މި ގެނެވުނު ބަދަލާއިއެކު ޖޮބް ޕޯޓަލް މެދުވެރިކޮށް ދިވެހި މަސައްކަތްތެރިންނަށް ވަޒީފާގެ އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި ޕޯޓަލް މެދުވެރިކޮށް ވަޒީފާތައް އިއުލާން ކުރާއިރު ޝަރުތު ހަމަވާ މީހުންނާއި އިންޓަވިއުކޮށް ވަޒީފާއަށް ހޮވުމުގެ ހުރިހާކަމެއްވެސް ވެބްސައިޓުން ކުރަމުން ގެންދާނެ އެވެ.
މީގެ އިތުރުން އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް މި ވެބްސައިޓު މެދުވެރިކޮށް އިއުލާން ކުރާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ކުރިއަށް އޮތްތަނުގައި ޖޮބް ޕޯޓަލްއާއިމެދު ހޭލުންތެރި ކުރުވައި އެއާ ބެހޭ މައުލޫމާތު ފޯރުކޮށްދޭން ރަށްރަށުގައި ތަމްރީނު ޕްރޮގުރާމުތަކެއް ހިންގަން އިކޮނޮމިކް މިނިސްޓްރީން އަންނަނީ ތައްޔާރުވަމުންނެވެ.