2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އއ. ދިގުރަށަށް ވައުދުވި ކަންކަން ސަރުކާރުން ފުއްދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ ދިގުރަށު ކައުންސިލާއިއެކު މިއަދު ހަވީރު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ. މި ބައްދަލުވުމުގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ ގޮތުގައި ރައީސް ސިފަކުރެއްވީ ބަނދަރު ހެދުމާއި ރަށް ގިރާ މައްސަލަ ހައްލު ކުރުމުގެ އިތުރުން ސްކޫލު ޖާގައިގެ ދަތިކަން ހައްލު ކުރުމެވެ. މީގެ އިތުރުން ދިގުރަށު ސްކޫލުގައި ތިން ބުރީގެ އިމާރާތެއް އެޅުމަށް ސަރުކާރުން ނިންމާފައިވާތީ އެކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދާނެ ކަމަށވެެ. އަދި ރަށްގިރާ މައްސަލަ ހައްލުކުރަން މިހާރު ހަދަންޖެހޭ ދިރާސާތައް ކުރިއަށް ގެންދާކަމަށާއި ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލު ކުރުންވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މިބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސާއި ހިއްސާ ކުރައްވައިފަ އެވެ. އެގޮތުން އެރަށަކީ ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ ރަށަކަށް ވާއިރު ބަނދަރުގެ ދަތިކަން ދިމާވާކަމަށް ކައުންސިލުން ފާހަގަކުރި އެވެ. އަދި ފެނާއި ނަރުދަމާ ނެތުމުން ޓޫރިޒަމަށް ގޮންޖެހުންތަކެއް ހުރިކަމަށްވެސް ކައުންސިލް މެމްބަރުން ފާހަގަކުރެއްވި އެވެ.
ކައުންސިލް މެމްބަރުން ވަނީ ކުދި މަޝްރޫއުތައް ރައްޔިތުންނާއި ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަނަމަވެސް ބޮޑެތި މަޝްރޫއުތައް ހިންގާއިރު ސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފަ އެވެ.