ދިރާސީ އައު އަހަރުގެ ކިޔެވުން ފެށި ހަ ވަނަ ހަފްތާގެ ކިޔެވުން ކުރިއަށްދާއިރުވެސް ރާއްޖޭގެ ބައެއް ރަށްރަށުގެ ބައެއް ގްރޭޑްތަކުގެ އިސްލާމް ފޮތްތައް ނުލިބުމަކީ ހިތާމ ހުރި ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސުކޫލްތަކުގެ ކިޔެވުން ފެށުނުއިރު ފޮތްތައް ނުލިބުމުގެ ޒިންމާ ނަންގަވަން ތިއްބެވި ފަރާތްތައް ޒިންމާދާރު ކުރުވަން ޖެހޭ ކަމަށެވެ. މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާފައިވަނީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ. ކިޔެވުން ފެށި އިރުވެސް ގިނަ ސުކޫލްތައް ކިޔަވައިދޭން ފެށީ އިސްލާމް އަދި ގުރުއާން މާއްދާގެ ޓެކްސް ފޮތްތައް ނެތިއެވެ.
ނަމަވެސް އޮގަސްޓް މަހުގެ ފަހު ހަފްތާގައި މާލޭގެ ސުކޫލްތަކާއި އަތޮޅު ތެރޭގެ ބައެއް ސުކޫލްތަކަށް ވަނީ ފޮތްތައް ފޮނުވާފައެވެ.