ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް ރޭ ނިޔާވި ކުއްލި ގޮތަކަށް ނިޔާވި އަސްލަމް އަށް އެއްވެސް އަނިޔާ ކޮށްފައި ނުވާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ބުނެފިއެވެ.
ކަރެކްޝަންސްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މުހައްމަދު އަސްލަމްއަށް އަނިޔާކޮށްފައިވާ ކަމަށްބުނެ އާއިލާއާއި ހަވާލާދީ ފަތުރާ ހަބަރަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށާއި އެއްވެސް އަނިއްޔާއެެއް އަސްލަމް އަށް ކަރެކްޝަންސްއިން ދީފައިނުވާނެ ކަމަށެވެ. އަދި ހަގީގަތް އޮޅޭފަދަ ގޮތްގޮތަށް މިފަދަ ހަބަރުތައް ފެތުރެމުންދާތީ އެކަމާމެދު ކަރެކްޝަންސްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަސްލަމްގެ ބޮލަށް ގެއްލުން ލިބިފައިވަނީ އޭނާ އިސީނދެ އިންދާ ވެއްޓުމާ ގުޅިގެން ކަމަށާއި މިމަންޒަރު ހުޅުމާލެ ޖަލުގެ ސީސީޓީވީ ފުޓޭޖުން ސާފުކޮށް ފެންނަ ކަމަށްވެސް ކަރެކްޝަންސްއިން ވަނީ ހާމަކޮށްފައެވެ. ހުޅުމާލެ ޖަލުގައި ހުއްޓާ ކުއްލި ގޮތަކަށް ގައިދީއަކު ނިޔާވުމާ ގުޅިގެން އާއިލާއިން ކުރާ ތުހުމަތުތައް ބަލައި މިނިވަން ތަހްގީގެއް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ.
މިމައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ގައިދީގެ މަރުގެ މައްސަލަ އާއިލާއަށް ސިއްރުކޮށްފައިވާ ކަމަށް އާއިލާއިން ބުނެފައިވާ ކަމަށާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އަމަލު ކުރަން ޖެހޭ އުސޫލާ ޚިލާފަށް ކަންކަން ކޮށްފައިވާތީ މިކަން ބަލައިދީ މިނިވަން ތަޙްޤީޤެއް ކޮށްދިނުމަށް އެދޭ ކަމަށެވެ.