އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރުގެ މަގާމުގައި ހުންނެވި ކެޕްޓަން ހަނާ މުހައްމަދު އަށް މަގާމު ހަވާލުކުރި ކަމުގެ ލިޔުން ރަސްމީގޮތުން ހަވާލުކޮށްފިއެވެ.
ކެޕްޓަން ހަނާ މުހައްމަދު އަށް މަގާމުގެ ލިޔުން ހަވާލުކޮށްފައިވަނީ މިއަދު ބަންޑާރަ ކޮށީގައި އޮތް ރަސްމިއްޔާތެއްގައެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިންފޮމޭޝަން އޮފިސަރުގެ މަގާމަށް ކެޕްޓަން ހަނާ މުހައްމަދު ހަމަޖައްސާފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.
އެމްއެންޑީއެފުގެ އިންފޮމޭޝަން އޮފިސަރުގެ މަގާމުގައި މީގެ ކުރިން ހުންނެވީ މޭޖަރ އިބްރާހިމް އާޒިމްއެވެ.
އިންފޮމޭޝަން އޮފިސަރުގެ މަގާމުގައި ހުންނެވި އާޒިމް ބަދަލު ކުރެއްވީ ކީއްވެ ކަމެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ. ނަމަވެސް އެ އިދާރާގެ އިންފޮމޭޝަން އޮފިސަރަކަށް އަންހެން ބޭފުޅަކު ހަމަޖެއްސި މީ ފުރަތަމަ ފަހަރެވެ.
މިންތީގެ ހަމަ ހަމަކަން ގާއިމު ކުރުމަށް އެމްއެންޑީއެފުން ކުރަމުންދާ މަސައްކަތުގައި ސިފައިންގެ ކަނބަލުންނަށް އެ މުއައްސަސާއިން ގިނަ ފުރުސަތުތަކެއް ހުޅުވާލާފައިވާ ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.