މާލޭގެ މަގުތަކުގައި ހުރި ކުނިތައް ސިޓީ ކައުންސިލުން ނަގަން ފަށައިފިއެވެ.
މާލޭގެ މަގުތަކުގައި ކުނިތައް ގިނަ ވެފައިވަނީ ވޭސްޓް މެނެޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ކުނި ނެގުމުގެ މަސައްކަތް ކުރިޔައް ނުގެންދިއުމުގެ ސަބަބުންނެވެ. މާލެ ސިޓީ ކައުންސިލުން ބުނީ މާލޭގެ މަގު މައްޗަށް ގިނަ އަދަދަކަށް ކުނި ޖަމާވެ، އޭގެ އުނދަގޫ ރައްޔިތުންނަށް ފޯރަމުންދާތީވެ މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ މަގުމަތިން ކުނިނަގައި ސާފުކުރަން ފަށައިފަ ކަމަށެވެ.
މާލެ ސިޓީގެ މޭޔަރު ޑރ މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަގުމަތި ސާފުކޮށް ބޭއްވުމަށް ވެމްކޯ އަށް ފައިސާ ދީގެން ސިޓީ ކައުންސިލުން ކުރުވާ މަސައްކަތް ވެމްކޯ އިން ނުކޮށް ރައްޔިތުންނަށާއި ސިޓީ ކައުންސިލަށް ޖެއްސުންކުރާކަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެ ކަމަށް ސިޓީ ކައުންސިލް އިން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
ވެމްކޯއިން މީގެ ކުރިން ބުނެފައިވަނީ މިމަހުގެ ފަނަރައިން ފެށިގެން ގޭގެއަށް ގޮސް ކުނި ނެގުމަށް ހަމަޖެހިފައިވާ ކަމަށާއި މަގުތަކަށް ކުނި ނެރުމަކީ މަނާކަމެއް ކަމަށް ސިޓީ ކައުންސިލުން އެންގުމާ ގުޅިގެން މިގޮތަށް ނިންމަން ޖެހުނީ ކަމަށެވެ. ނަމަވެސް އިއްޔެވެސް ވެމްކޯއިން ކުނި ނަގާފައި ނުވުމުން މާލެ އާއި ހުޅުމާލޭގެ ގިނަ ތަންތަނުގައި ކުނިތައް އެބަހުއްޓެވެ. ކުނިތައް ފުނި ކޮށްފައި ހުރުމުގެ ސަބަބުން ގިނަ އާއްމު ރައްޔިތުން ދަނީ މިކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.