ހާލަތާ ނުބައްދަލު ބާރު އައްޑޫ ސިޓީގެ ރައްޔިތުންނާއި ދެކޮޅަށް ފުލުހުން ބޭނުން ނުކުރުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން އައްޑޫ ސިޓީގެ ހިތްވަރުގަދަ ރައްޔިތުންނާއި ދެކޮޅަށް ނުކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި މައްސަލައިގެ އަސްލަށް ރިއާޔަތްކުރައްވައި ރައްޔިތުންގެ އިހުސާސް ތަކަށް އިހުރާމް ކުރައްވާ ރައްޔިތުންނަށް އަނިޔާ ނުކުރެއްވުމަށް އާދަމް ޝަރީފް ވަނީ ގޮވާލައްވާފައެވެ.
ފުލުހަކު ކުޑަ ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައަކާއި ގުޅިގެން އައްޑޫ ސިޓީގައި މިހާރު ދަނީ މުޒާހަރާ ކުރަމުންނެވެ. އައްޑޫ ސިޓީ ހިތަދޫގައި ކުރި މި މުޒާހަރާގެ ބައިވެރިން ގޮވާފައިވަނީ އެ ފުލުސް މީހާ ވީހާވެސް އަވަހަކަށް ހައްޔަރު ކުރުމަށާއި އަދި އޭނާ ގެންދަންވާނީ ބިޑި އަޅުވައިގެން އާއްމުންގެ ކުރިމަތީގައި ކަމަށްވެސް އެމީހުން ގޮވަމުންދިޔައެވެ. މުޒާހަރާގެ ބައިވެރިން ވަނީ އެމީހާ ގެންދާއިރު މޫނު ވެސް ނިވާނުކުރުމަށް ގޮވާފައެވެ.