ކަސްޓަމްސް ނޯތް ރީޖަނަލް ހެޑް އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.
މި އިމާރާތް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީއެވެ. މި ރަސްމިއްޔާތުގަިއ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ކުޅުދުއްފުށި ސިޓީގައި ގާއިމު ކުރެވުނު ނޯތް ރީޖަނަލް އޮފީހުގެ ސަބަބުން ސަރަހައްދީ ބަނދަރުތަކުން މުދާ ކްލިއަރ ކުރުމަށް ހޭދަވާ ވަގުތު ކުޑަވެ ވިޔަފާރީގެ ހަރަދު ކުޑަވުމުގެ އިތުރުން، ރައްޔިތު މީހާ އަށް ހެޔޮ އަގުގައި ތަކެތި ގަންނަން ލިބުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.
އަދި ކަސްޓަމްސްއިން ކުރާ މަސައްކަތަކީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިލާމެހިފައިވާ ބުރަ މަސައްކަތެއްކަން ފާހަގަކުރައްވާ ކަސްޓަމްސް އޮފިސަރުންގެ މަސައްކަތުން މިފަހަކަށް އައިސް އަތުލައިގަނެވިފައިވާ މަސްތުވާތަކެތި އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި މަސްތުވާތަކެތި އެތެރެވިޔަނުދިނުމަށް ކުރެވޭ މަސައްކަތުގައި ކަސްޓަމްސްގެ މުވައްޒަފުންގެ ހުނަރުވެރިކަމާއި ކުޅަދާނަކަން ފާހަގަކޮށް މި މުހިންމު ގައުމީ ހިދުމަތް ދިނުމަށްޓަކައި ހީވާގިކަމާއެކު ކުރާ އަގުހުރި މަސައްކަތަށް ޝުކުރު އަދާ ކުރެއްވިއެވެ.