ފުލުހަށް ގެންދާ ކުޑަކުދިންގެ ތައުލީމީ ކަންކަން ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސެންޓްރަލް ޕޮލިސް ޑިވިޜަންގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ސެންސިޓައިޒޭޝަން ޕްރޮގްރާމް އޮން ޗައިލްޑް ރައިޓްސް އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ކުޑަކުދިންގެ ތައުލީމީ ކަންކަން ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގާނޫނު އަދި ކުޑަކުދިންގެ އަދުލާބެހޭ ގާނޫނުގެ ދަށުން ކުރަންޖެހޭ ހުރިހާކަމެއް އެޑިއުކޭޝަން މިނިސްޓްރީ އާއި އުނގަންނައިދޭ ފަރާތްތަކާއި ފުލުހުންގެ އެކި ކޮމާންޑްތައް ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވައި، ވަރަށް އަވަހަށް އެކަމަށް އުސޫލެއް ކަނޑައެޅިގެންދާނެކަމަށެވެ.
ސީޕީ ވިދާޅުވީ، ކުޑަކުދިންގެ ހައްގުތަކާއި ގުޅުވައިގެން ކޮންމެހެންވެސް ފުލުހުންނަށް އެނގެންޖެހޭ މައުލޫމާތުތައް އެނގުމާއި ގާނޫނާއި ގަވާއިދުތަކުގެ ދަށުން އެކަންކަން ކުރަމުން އަންނަ ގޮތާއި އެހެން މުއައްސަސާތަކާ ގުޅިގެން ހާއްސަކޮށް، ޖިނާއީ އަދުލުގެ ނިޒާމާއި އިޖުތިމާއީ ހިދުމަތްދޭ ތަންތަނާއި ޖަމްއިއްޔާ ޖަމާއަތްތައް އަދި މުޖުތަމައު ގުޅިގެން ކަންކަން ކުރަންޖެހޭ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލައި މި ޕްރޮގްރާމުގެ ތެރެއިން ފުލުހުންނަށް މައުލޫމާތު ދީފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މި ޕްރޮގްރާމުގައި ލިބުނު މައުލޫމާތާއި އެނގިގެން ދިޔަ ކަންތައްތަކާއެކު މަސައްކަތުގެ މާހައުލުގައި ކުރިން އަމަލުކުރަމުން އައި ކަންކަން ބަދަލުވެ، މިޕްރޮގްރާމުން ފުލުހުންނަށް ލިބުނު ތަމްރީނާއި ތަޖުރިބާގެ އަލީގައި ކަންކަން ރަނގަޅުވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މިފަދަ ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި ފުލުހުންގެ ހިދުމަތުގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ވިންގާއި، އެޑްވޮކޭޓިވް ރައިޓްސް އޮފް ޗިލްޑްރެން (އާކް) އާއި ޔުނިސެފް މޯލްޑިވްސްއާއި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވެދިން އެހީތެރިކަމާ އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
މި ސެޕްޓެމްބަރު މަހުގެ 12 ން 16 އަށް ދ. ކުޑަހުވަދޫގައި ކުރިއަށް ގެންދިޔަ މިޕްރޮގްރާމަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ވިންގްގެ އިތުރުން ޔުނިސެފް މޯލްޑިވްސް އާއި އެޑްވޮކޭޓިވް ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަދި ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.