އާންމު ރައްޔިތުންނާއި ސަރުކާރާ ދެމެދު މިހާރަށްވުރެ ލުއިފަސޭހަ ގޮތެއްގައި މުއާސަލާތު ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށްޓަކައި، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީން ގާއިމުކުރައްވައިފައިވާ، އޮންލައިން ޕްލެޓްފޯމް "GOV.MV" މެސެޖުގެ ޚިދުމަތް ބޭނުންކޮށްގެން ސަރުކާރުގެ އިދާރާތަކަށް ކަންކަން ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރުދުންނަށް ހުޅުވާލައިފިއެވެ.
ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ބުނީ މި ގޮތަށް ހަމަޖެއްސެމުން، އަމިއްލަ މީހުން ސަރުކާރުގެ އިދާރާތަކަށް "GOV.MV" މެސެޖުގެ ޒަރީއާއިންނާއި، ސިޓީން ހުށަހަޅާ ކަންކަމަށް ޖަވާބު ދެއްވުމުގައި ސަރުކާރުގެ އިދާރާތަކުން ޢަމަލުކުރާނީ،
1. އަމިއްލަ މީހުން "GOV.MV" މެސެޖުގެ ޒަރީއާއިން ނުވަތަ ސިޓީން ހުށަހަޅާ ކަންކަމަށް މި ދެންނެވުމާއެކު މިވާ ނަމޫނާއާ އެއްގޮތަށް، ލިޔުމުން އެ މީހަކަށް ޖަވާބު ދިނުން،
2. އަމިއްލަ މީހަކު "GOV.MV" މެސެޖުގެ ޒަރީއާއިން ނުވަތަ ސިޓީއަކުން ކަމަކަށް އެދިއްޖެނަމަ، އެ އިދާރާއެއްގެ ސަރވިސް ޗާޓަރުގައި ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި އެ މީހަކަށް ޖަވާބެއް ދިނުން.
3. "GOV.MV" މެސެޖުގެ ޒަރީއާއިން ނުވަތަ ސިޓީއަކުން ސަރުކާރުގެ އިދާރާއަކަށް ދިވެހިރައްޔިތަކު، ބޭރު ބަހަކުން ކަމެއް ހުށަހެޅި ނަމަވެސް، އެ އިދާރާއަކުން އެ މީހަކަށް ދިވެހިބަހުން ޖަވާބު ދިނުން.
4. އަމިއްލަ މީހަކު ކަމަކަށް އެދިގެން ސަރުކާރުގެ އިދާރާއަކަށް ހުށަހެޅުމުން، އެ އިދާރާގެ ވަކި ގަވާއިދެއްގައި ނުވަތަ ވަކި އުސޫލެއްގައި ނުވަތަ ވަކި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތަށް އެ ކަމެއް އަލުން ހުށަހެޅުމަށް ޖަވާބުދެއްވާނަމަ، އެ ގަވާއިދެއް ނުވަތަ އެ އުސޫލެއް ނުވަތަ އެ އިޢުލާނެއް ބެލޭނެ ފަސޭހަ ގޮތެއް އެ މީހަކަށް އޮޅުން ފިލާނޭހެން ޖަވާބު ދިނުމެވެ.
+1
+1
+1
+1
+1
+1