އިންޓަރޕޯލް ސެކިއުއަރ އިންފޮމޭޝަން ނެޓްވޯކްގެ އެކްސެސް ދިނުމުގެ އެއްބަސްވުމުގައި އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލެ އާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލޭގެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލެ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލްއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ، މިއަދު ސޮއިކުރެވިގެން ދިޔަ މި އެމްއޯޔޫއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރެވިގެންދާނެ އެމްއޯޔޫއެއްކަން ފާހަގަކުރައްވައި، ހާއްސަކޮށް އިންޓަޕޯލްގެ ޑޭޓާ ބޭސްތައް އަދި ޓޫލްތަކުގެ ތެރެއިން މީރާއާ ގުޅުންހުރި ދާއިރާތަކުގެ ޑާޓާބޭސްތައް އެކްސެސް ވެވޭނެ މަގު މަހިވެގެން ދިއުމާ ގުޅިގެން ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އެގޮތުން މީރާގެ އޮޕަރޭޝަންސްގެ މަސައްކަތްތަކާއި ތަންފީޒީ މަސައްކަތްތަކަށް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު ފާއިތުވި ދެ އަހަރެއްހާ ދުވަހުގެތެރޭގައި އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ އިން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރައްވައި، ތަންފީޒީ އިދާރާތައް، ހާއްސަކޮށް ފުލުހުންނާ ގުޅިގެން މަސައްކަތްކުރަންޖެހޭ ގިނަ އިދާރާތަކާއެކު އިންޓަރޕޯލް ޑޭޓާ ބޭސްގެ އެކްސަސް ދީފައިވާކަމަށް ވިދާޅުވިއެވެ.