ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ނެންގެވިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރަން ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
2015 ވަނަ އަހަރުގެ ތެރޭގައި ރައީސް ސޯލިހު ކަޅު ދަބަހެއް އުފުއްލެވި ކަމަށާއި، އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން 35 މިލިއަން ރުފިޔާ އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ނެންގެވިކަމަށް ތުހުމަތު ކުރެއްވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އަލީ ވަހީދު އެ ތުހުމަތު ކުރެއްވުމުގެ ކުރިން އެމްޑީޕީގެ އިސް މަގާމެއްގައި ހުންނަވައި ފަހުން އެޕާޓީން ވަކިވެވަޑައިގެންނެވި ޝުއައިބު އަލީވެސް އެފަދަ މޭރުމަކުން ވާހަކަ ދެއްކެވި އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ ޝަރީއަތުގައި ވާހަކަ ދައްކަވަމުން އެކަމުގެ އިސް މޭސްތިރިއެއްގެ ގޮތުގައި ހުންނެވި އަހުމަދު އަދީބުވެސް ވަނީ ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންނާއި، ފަނޑިޔާރުންނާއި އެނޫންވެސް އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އޭނާ އަތުން ފައިސާ ނެންގެވި ކަމަށް ވިދާޅުވެފަ އެވެ.
އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު މިއަދު ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ 2015 ވަަނަ އަހަރު ރައީސް ސޯލިހު އެމްޑީޕީގެ ޕީޖީ ލީޑަރުގެ ގޮތުގައި ހުންނަވައި އަދީބު އަތުން ފައިސާ ނެންގެވިކަމަށް މީގެ ކުރިންވެސް ތުހުމަތު ކުރެވިފައި އޮއްވާ، އެމްޑީޕީގެ ޗެއާޕާސަންކަން ކުރެއްވި ބޭފުޅަކު އެވާހަކަ ތަކުރާރު ކުރެއްވުމުން އެމައްސަލަ ތަހުގީގު ކުރުން މުހިންމު ކަމަށެވެ.
އަލީ ރޭ ކުރެއްވި ތުހުމަތުތަކުގައި ވަނީ ރައީސް ސޯލިހު ކަޅު ދަބަސް އުފުއްލަވާ މަންޒަރު ފެންނަ ވީޑިއޯވެސް ފުލުހުންގެ ތަހުގީގަށް ލިބިފައިވާ ކަމަށާއި ބަޔާންތަކުގައި އެވާހަކަ ވިދާޅުވިނަމަވެސް އެކަން ފުލުހުންގެ ރެކޯޑުތަކުން ފޮހެލީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ކަމަށް ވިދާޅުވެފަ އެވެ.
އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލައިގައި ސަރުކާރުގެ ނުފޫޒުން ކޮރަޕްޝަންގެ މިފަދަ މައްސަލަތައް ވަކި ގޮތަކަށް ނިންމާތީ ރައީސް ސޯލިހު މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގެންނެވުން މިވަގުތު މުހިންމު ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ. އަދި މިމައްސަލަ އިންސާފުވެރިކަމާއި އެކު ދެފުއް ފެންނަ ގޮތަކަށް ތަހުގީގު ކުރެވެން ޖެހޭކަމަށްވެސް ކުއްލި މައްސަލައިގައި ވަނީ ބުނެފަ އެވެ.
އަލީ ރޭ ވިދާޅުވީ 35 މިލިއަން ރުފިޔާ ރައީސް ނެންގެވި ނަމަވެސް އެފައިސާއިން ކުރެއްވީ ކީއްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. މީގެ ކުރިން ވާހަކަ ދެކެވުނު ގޮތުންނަމަ ރައީސް ސޯލިހު އަދީބު އަތުން ނެންގެވި ފައިސާ ބޭނުން ކުރެއްވީ މޭޑޭ މުޒާހަރާގެ ފައިސާގެ ކަންކަން ހަމަޖެއްސުމަށެވެ.