ރާއްޖޭގެ 85 އިންސައްތަ މީހުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އދ.ގެ އާއްމު މަޖިލީހުގައި މިރޭ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ދިވެހި ބަހުން ތަގުރީރު ކުރައްވާފައެވެ. މި ތަގުރީރުގައި ރައީސް ވިދާޅުވީ، ކޮވިޑް-19އިގެ ބަލިމަޑުކަމަކީ މުޅި ދުނިޔެއަށް ދިމާވެފައިވާ ހައްސާސް މައްސަލައެއްކަމަށެވެ. އަދި ގައުމުތަކުން އެކުގައި މަސައްކަތް ކޮށްގެން މިވަބާއިން ސަލާމަތްވާން ޖެހޭ ކަމަށާއި މިކަމަށް އޮތް ހައްލަކީ ވެކްސިން ފުރިހަމަ ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޒަމީރު ނޭދޭ ކިތަންމެ ކަމެއް ކުރަން ޖެހުނު ކަމަށް ރައީސް މިރޭ ވިދާޅުވިއެވެ.
ރައީސް ވާހަކަފުޅުގައި ފަތުރުވެރިން އައުން ހުއްޓޭގޮތަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރަން ނިންމުމަކީ އުދަނގޫ ނިންމުމެއް ކަން ފާހަގަކުރެއްވިއެވެ. އަދި މިއަދު ދިވެހި ގައުމަށް ހަމަޖެހުމެއް ލިބިގެން ގޮސްފައި މިވަނީ އެދުވަހު އުދަނގުލުން ލެވުނު ފުން ނޭވާއިން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވިއެވެ. މިހާރު ވަނީ ވެކްސިން ޖެހޭ އުމުރުފުރާގެ 95 އިންސައްތަ ކުދިންވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ކަމަށާއި ވިޔަފާރިތައް ހިނގާގަނެ ސުކޫލްތައްވެސް މިހާރު ހުޅުވިފައިވާ ކަމަށް ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖެއިން ވަނީ 331،405 މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. މިއީ ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންވެސް ހިމެނޭ ގޮތުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ ހާމަކޮށްފައެވެ.