ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު، ސްވިޒަރލެންޑް(ސްވިސް ކޮންފެޑެރޭޝަން)ގެ ރައީސް، ގައި ޕާރމެލިން އާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރެއްވުމަށް ރައީސް އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ބައްދަލުވުމުގެ ހަވާސާގަ އެވެ. އެގޮތުން މި ބައްދަލުކުރެއްވުން އޮތީ މިއަދު އ.ދ. ގެ މައި އިދާރާގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައި ޚިޔާލު ބަދަލުކުރައްވާފަ އެވެ. އެގޮތުން ކޯވިޑް-19 ޕެންޑަމިކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާއި، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތް ފަދަ މައުޟޫޢުތަގެ މައްޗަށް ދެ ބޭފުޅުން ބައްލަވައިލެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ސްވިޒަރލެންޑުގެ ކޯވިޑްގެ ހާލަތާ ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވައި، ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ރާއްޖޭގެ ބޯޑަރުތައް އަލުން ފަތުރުވެރިންނަށް ހުޅުވާލުމަށްޓަކައި ސަރުކާރުން އަޅާފައިވާ ކާމިޔާބު ފިޔަވަޅުތަކުގެ މަޢުލޫމާތު ސްވިޒަރލެންޑްގެ ރައީސްއާ ޙިއްޞާކުރައްވާފަ އެވެ. އަދި ކޯވިޑް-19ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވުމާ ބެހޭގޮތުން ދެ ޤައުމުގެ ރައީސުން މަޝްވަރާ ކުރެއްވި އެވެ. މިގޮތުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ސްވިޒަރލެންޑާ ދެމެދު ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކޯވިޑް-19 ޓްރެވަލް ސެޓްފިކެޓްގެ ނިޒާމެއް ޤާއިމުކުރުމަށް ދެ ބޭފުޅުން ވަނީ ޝައުޤުވެރިކަން ފާޅުކުރައްވާފަ އެވެ.
ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ކަނޑުތައް ޕްލާސްޓިކުން ތަޣައްޔަރުވުން ހުއްޓުވުމުގެ ގޮތުން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ރާއްޖޭގައި ބޭނުންކުރުން މަދުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތަފުސީލު ސްވިޒަރލެންޑްގެ ރައީސާއި ޙިއްޞާކުރެއްވި އެވެ.
މީގެ އިތުރުން، ކްލައިމެޓް އިމަރޖެންސީއާ ބެހޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ. އެގޮތުން، ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ އެކި ޤައުމުތަކަށް ކުރިމަތިވާ ކްލައިމެޓް ފައިނޭންސިންގގެ މައްސަލަ ޙައްލުކޮށްދިނުމަށް ޔޫރަޕުގެ ޢިއްތިހާދުގެ އިސްނެގުމުގެ މަތިން ކުރަމުންދާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށް ތަޢުރީފު ކުރައްވާފަ އެވެ.
ސްވިޒަރލެންޑްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް 2030 ގެ ނިޔަލަށް 45 އިންސައްތަ ދަށްކުރުމާއި، އަދި 2050 ވަނަ އަހަރާ ހަމައަށް ނެޓް-ޒީރޯ ޙާޞިލުކުރުމުގެ އަމާޒަށް ޤައުމުތަކުން މަސައްކަތްކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މުހިންމުކަމެއްކަން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ރާއްޖެއާ ރާއްޖެފަދަ ނާޒުކު ތިމާވެއްޓެއްގެ ވެރި ޤައުމުތަކަށް ކްލައިމެޓް ފައިނޭންސިންގގެ ފުރުސަތުތައް ހޯދައިދިނުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަން ލިބެމުންދާނެކަމަށް އުންމީދު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ ޓެރަރިޒަމާއި، ޙައްދުފަހަނަ އަޅައިދިއުމުގެ ހުރިހާ ބާވަތެއްގެ ޢަމަލުތައް ހުއްޓުވުމުގައި ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރުމުގެ އިތުރުން، ބައިނަލްއަޤްވާމީ މުޖްތަމަޢާ ގުޅިގެން މަސައްކަތް ކުރަމުން ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ދިވެހިރާއްޖެއާއި ސްވިޒަރލެންޑާ ދެމެދުގައިވާ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ސޯލިހާއި ސްވިޒަލެންޑްގެ ރައީސް ވިދާޅުވި އެވެ.
ރާއްޖެއިން ސްވިޒަރލެންޑާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1981 ޖޫން 23 ގައެވެ.
+1
+1
+1
+1
+1
+1