ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2017 އަހަރު ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ހިންގި ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލައެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ދައުވާކުރަން ފޮނުވައިފި އެވެ.
އޭސީސީން ބުނީ 2017 ވަނަ އަހަރުގެ ތެރޭގައި ބިލިންގ ސޮފްޓްވެޔަރއެއް ހެދުމަށް "ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާ ޙަވާލުކުރިނަމަވެސް، އެ ޚިދުމަތް އަދި މިހާތަނަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ލިބިފައިނުވާއިރު، އެ ސޮފްޓްވެޔަރ ނިމުނުކަމަށް ލިޔުން ދޫކޮށް، ފައިސާ ދީފައިވާކަމަށް ބުނާ މައްސަލާގައި ދަޢުވާ ކޮށްދިނުމަށް އެދި އިއްޔެ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލާގައި، ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން ތަޙްޤީޤުން އެނގޭތީ ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ފެނަކަ ކޯޕަރޭޝަންގެ އައި.ސީ.ޓީ ޑިޕާޓްމަންޓާ އޭރު ޙަވާލުވެހުރި އިސްމާޢީލް ޝަމްޢޫން (މ.ފެހިވިދުވަރުގެ / ކ.މާލެ) އާއި އެކުންފުނީގެ ސޭލްސް އެންޑް ބިލިންގ ޑިޕާޓްމަންޓްގެ ވެރިއެއްގެ ހައިޞިއްޔަތުން އޭރު މަސައްކަތް ކުރި އަޙްމަދު ނަޖާޙު (ނަންބަރު ރސ 13142 / ކ.މާލެ) ގެ މައްޗަށެވެ. އެ ފަރާތްތަކަށް އޭސީސީން ކުރަނީ ކޮރަޕްޝަންގެ ދައުވާ އެވެ.
އޭސީސީން ބުނީ ބިލިންގ ސޮފްޓްވެއަރ 03 ފޭސް އަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށާއި، އެއިން ކޮންމެ ފޭސް އެއް ނިމުމުން އައި.ސީ.ޓީ ޑިޕާޓްމަންޓުން އެ މަސައްކަތް ޗެކްކޮށް އެޕްރޫވް ކުރަންވާނެ ކަމަށާއި، ކޮންމެ ފޭސް އެއް ނިންމުމަށްފަހު ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާ އިންވޮއިސް އައި.ސީ.ޓީ ޑިޕާޓްމަންޓުން އެޕްރޫވް ކުރަން ވާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި ވީނަމަވެސް، ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ މަސައްކަތުގެ ކޮލިޓީ އާއި އޯތެންޓިސިޓީ އައި.ސީ.ޓީ ޑިޕާޓްމަންޓުން ޗެކްކޮށްފައި ނުވާކަން ތަޙްޤީޤުން އެނގޭކަމަށެވެ. އަދި އެކަމަކީ ފެނަކަ ކޯޕަރޭޝަންގެ އައި.ސީ.ޓީ ޑިޕާޓްމަންޓާ އޭރު ޙަވާލުވެހުރި އިސްމާޢީލް ޝަމްޢޫންގެ ޒިންމާއެއްކަން ތަޙްޤީޤުން އެނގޭކަމަށާއި، ހަމައެހެންމެ، އެއްބަސްވުމުގައި ބިލިންގ ސޮފްޓްވެއަރގައި ހުންނަން ވާނެ ކަމަށް ބަޔާންކޮށްފައިވާ ގިނަ ކަންތައްތަކެއް ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފުރިހަމަކޮށްފައިނުވާކަންވެސް ފާހަގަކުރެވޭކަމަށް އޭސީސީން ބުންޏެވެ.
އެ ބިލިންގ ސޮފްޓްވެއަރގެ މަސައްކަތް ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 08 ނޮވެމްބަރ 2017 ގައި ނިންމުމަށާއި، އެ ސޮފްޓްވެއަރ ނިމުނު ކަމަށް ބެލޭނީ އެ ސޮފްޓްވެއަރ ޑިޒައިން ކޮށް، އިމްޕްލިމެންޓް ކުރުމުންކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި ވީނަމަވެސް، 15 އޮކްޓޯބަރ 2018 ގެ ނިޔަލަށް ވެސް އެ ސޮފްޓްވެއަރ ނިންމާފައިނުވާކަމާއި، އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގައި އެ ސޮފްޓްވެއަރ އިމްޕްލިމެންޓް ކޮށްފައިނުވާކަން ތަޙްޤީޤަށް ހޯދާފައިވާ ލިޔެކިޔުންތަކުން އެނގޭ ކަމަށް އޭސީސީން ބުންޏެވެ.
މީގެ އިތުރުން އެ ކޮމިޝަނުން ބުނީ ބިލިންގ ސޮފްޓްވެއަރއަށް ވޭރިއޭޝަންގެ ގޮތުގައި ގެނައުމަށް ނިންމާފައިވާ ބަދަލުތަކުގެ ތެރޭގައި، ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފުރިހަމަކުރަންޖެހޭކަމަށް އެއްބަސްވުމުގައި ހިމެނޭ ކަންތައްތަކެއް ބަޔާންކޮށްފައިވާއިރު، ވޭރިއޭޝަންގެ ގޮތުގައި އެ ބަދަލުތައް ގެނައުމަށް ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ހުއްދަ ދިންކަމަށް ބަޔާންކޮށް، އެ ބަދަލުތައް ގެނައުމަށް ހުއްދަދިން ލިޔުމުގައި ފެނަކަ ކޯޕަރޭޝަންގެ އައި.ސީ.ޓީ ޑިޕާޓްމަންޓާ އޭރު ޙަވާލުވެހުރި އިސްމާޢީލް ޝަމްޢޫން އާއި، އެ ކުންފުނީގެ ސޭލްސް އެންޑް ބިލިންގ ޑިޕާޓްމަންޓްގެ ވެރިއެއްގެ ހައިޞިއްޔަތުން އޭރު މަސައްކަތް ކުރި އަޙްމަދު ނަޖާޙު ސޮއިކޮށްފައިވާ ކަމަށެވެ.
އެ ބިލިންގ ސޮފްޓްވެއަރގެ މަސައްކަތް ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ނިންމާފައިނުވަނީސް، އެމަސައްކަތް 06 ނޮވެމްބަރ 2017 ގައި ނިންމާފައިވާކަމަށް ބަޔާންކޮށް ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފެނަކަ ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ސިޓީގައި އިސްމާޢީލް ޝަމްޢޫން އަދި އަޙްމަދު ނަޖާޙު ވެސް ސޮއިކޮށްފައި ވާކަމަށްވެސް އޭސީސީން ބުންޏެވެ.
ބިލިންގ ސޮފްޓްވެއަރ ހޯސްޓްކުރުމަށާއި، ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެ ސޮފްޓްވެއަރގެ މަސައްކަތް ނިންމާފައި ނުވިނަމަވެސް އެމަސައްކަތަށްވާ ފައިސާ ފުރިހަމައަށް ދޫކޮށްފައިވަނީ، އިސްމާޢީލް ޝަމްޢޫން އަދި އަޙްމަދު ނަޖާޙު ސޮއިކޮށްފައިވާ ހުއްދައަށް ރިޢާޔަތްކޮށްގެންކަން ތަޙްޤީޤުން އެނގޭތީ، މިކަންކަމުގެ ސަބަބުން ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން ތަޙްޤީޤުން އެނގޭކަމަށް އޭސީސީން ބުންޏެވެ.
2017 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ މިހާރުގެ މާލެ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް އެވެ. މިދިޔަ ސަރުކާރުގައި އެންމެ ގިނަ ކޮރަޕްޝަންގެ މައްސަލަތައް ފާހަގަކުރެވުނު އެއް ކުންފުންޏަކީ ފެނަކަ ކޯޕަރޭޝަނެވެ.