އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދު ހޯއްދަވައިގެން ނިކުންނެވި ގިނަ ކެނޑިޑޭޓުން އިންތިހާބު ކާމިޔާބު ކޮށްފި އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ނިކުންނެވި ކެނޑިޑޭޓުން އޮތީ ދެބަޔަކަށް ބެހިފަ އެވެ. އެގޮތުން ގިނަ ދާއިރާތަކަށް ދެ ފަޅިންވެސް ކެނޑިޑޭޓުން ނިކުތެވެ. އެއީ ރައީސް ސޯލިހުގެ ތާއީދު ހޯއްދަވައިގެން ނިކުންނެވި ކެނޑިޑޭޓުންނާއި ރައީސް މުހައްމަދު ނަޝީދުގެ ތާއީދު ހޯއްދަވައިގެން ނިކުންނެވި ކެނޑިޑޭޓުންނެވެ. ރައީސް ނަޝީދުގެ ކެނޑިޑޭޓުން ތާއީދު ކުރީ ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށެވެ.
އިއްޔެގެ އިންތިހާބުގައި 455 މެމްބަރުން ހޮވިއިރު، މިއީ އެމްޑީޕީގެ މުޅި ތާރީހުގައިވެސް ރައީސް ނަޝީދު ހިތްޕުޅާއި ނުވާ ކެނޑިޑޭޓުންތަކެއް ގައުމީ މަޖިލީހަށް ހޮވުނު ފުރަތަމަ ފަހަރެވެ. ކެނޑިޑޭޓުންގެ 75 އިންސައްތަ ރައީސް ސޯލިހު ނެންގެވި ކަމަށް ބެލެވޭއިރު އޭގެ ތެރޭގައި ރައީސް ނަޝީދު ފާޅުގައި ދެކޮޅަށް ވާހަކަދެއްކެވި ކެނޑިޑޭޓުންވެސް ހިމެނެ އެވެ.
އެގޮތުން މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި ރައީސް ސޯލިހުގެ ޅިޔަނު އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވެސް ވަނީ ހޮވިވަޑައިގެންފަ އެވެ. މިއީ ރައީސް ނަޝީދުގެ ހޫނު ބަހުގެ ހަމަލާތަކެއް މީގެ ކުރިން ރައްދުވި ބޭފުޅުންނެވެ. މި ބޭފުޅުން އިންތިހާބަށް ނިކުންނެވީ ރައީސް ސޯލިހުގެ ތާއީދު ހޯއްދަވައިގެންނެވެ.
މީގެ އިތުރުން އިއްޔެގެ އިންތިހާބުގައި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތުހުމަތު ކުރެވި ސަސްޕެންޝަނެއްގައި ހުންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވެސް ވަނީ އިންތިހާބު ވެފަ އެވެ. މަހުލޫފަކީވެސް ރައީސް ސޯލިހުގެ ފެކްޝަންގެ ބޭފުޅެކެވެ. މަހުލޫފަށް އިންތިހާބުގައި ވާދަކުރެއްވިދާނެ ކަމާއިމެދު ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ސުވާލުވެސް އުފެއްދެވި އެވެ. އެހެންނަމަވެސް އިސްތިއުނާފު ފަންޑިޔާރުންގެ މަޖިލީހުން ނިންމީ މަހުލޫފަށް ވާދަކުރެވޭނެ ކަމަށެވެ.
ރައީސް ސޯލިހު މެޖޯރިޓީ ނެންގެވި ނަމަވެސް މުހިންމު އެއް ދާއިރާ ވަނީ ރައީސް ނަޝީދު ނަންގަވައިފަ އެވެ. އެގޮތުން މާލެ ދާއިރާގެ ރައީސްކަން ބޮޑު ތަފާތަކުން ނެންގެވީ ރައީސް ނަޝީދުގެ ކެނޑިޑޭޓު ޝިފާ މުހައްމަދު އެވެ. ޝިފާ ވާދަކުރެއްވީ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއެވެ.
މިފަހަރުގެ ގައުމީ މަޖިލީހަކީ ރައީސް ސޯލިހަށް ނުހަނު މުހިންމު މަޖިލީހަކަށް ވެގެން ދާނެ އެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ރައީސް ކަމުގައި ހުންނަވާ އެމްޑީޕީގެ ބޭފުޅަކަށް ޕްރައިމަރީއަކާއި ނުލައި ދެ ދައުރަށް ވާދަކުރުމުގެ ފުރުސަތު ދޭން ޖެހޭނެ އެވެ. އެހެންނަމަވެސް 2023 ވަނަ އަހަރުގެ އިންތިހާބުގެ ކުރިން އެޕާޓީގެ އަސާސީ ގަވާއިދު ބަދަލުކޮށް ޕްރައިމަރީއަކުން ކެނޑިޑޭޓަކު ހޮވަން އެމްޑީޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން މީގެ ކުރިން ތާއީދު ކުރައްވައި ވާހަކަ ދެއްކެވި އެވެ. ރައީސް ނަޝީދުވެސް ވަނީ އެފަދަ މޭރުމަކުން ވާހަކަ ދައްކަވައިފަ އެވެ.
ބޭނުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ނަޝީދު ނެރުއްވުން ކަމަށްވެސް ވެދާނެ އެވެ. މީގެ އިތުރުން ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ނަޝީދުގެ ވިސްނުންފުޅު ހުރިއިރު އެކަމަށްޓަކައިވެސް ގައުމީ މަޖިލީހުގެ މެޖޯރިޓީ ބޭނުންވާނެ އެވެ. ނިޒާމީ ބަހުސްގައި ރައީސް ސޯލިހު ވަކި ސްޓޭންޑެއް މިހާތަނަށް ނަންގަވާފައި ނުވިނަމަވެސް ބޮޑުވަޒީރަށް ވެވަޑައިގަންނަވަން ބޭނުންވާކަމަށް ވިދާޅުވެ ރައީސް ނަޝީދު ފޮނުއްވި ސިޓީފުޅަށް ރައީސް ސޯލިހު ވަކި ޖަވާބެއް ދެއްވާފައެއް ނުވެ އެވެ. ރައީސް އޮފީހުން ބުނީ ރައީސް ސޯލިހު ތާއީދު ކުރައްވަނީ ރައްޔިތުން ނިންމާ ގޮތަކަށް ކަމަށެވެ.
މީގެ ކުރިން އޮތް ގައުމީ މަޖިލީހުގައިވެސް މި ފަހަކަށް އައިސް މެޖޯރިޓީ ނަންގަވަނީ ރައީސް ސޯލިހެވެ. މަޖިލިސް މެމްބަރުންގެ ތެރޭގައިވެސް ގިނައީ އެމަނިކުފާނުގެ މެމްބަރުންނެވެ. އެހެންނަމަވެސް ޕާޓީގެ އާންމު މެމްބަރުންގެ ތެރޭގައި ތާއީދު ބޮޑީ ރައީސް ނަޝީދަށްކަމަށް މީގެ ކުރިން ވާހަކަ ދެކެވުނެވެ. އިއްޔެގެ އިންތިހާބުގައި ފެނިގެން ދިޔައީ މުޅިން އެހެން މަންޒަރެކެވެ. އާންމު މެމްބަރުންގެ ތާއީދުވެސް އޮތީ ރައީސް ސޯލިހަށެވެ.
އެމްޑީޕީގެ ތެރޭގައި ދެފެކްޝަނެއް އުފެދި ބައިބައިވުމާއިއެކު ވާދަވެރިކަން އުފެދުނީ އިންތިހާބާއި ދިމާކޮށް ކަމަށް އެޕާޓީގެ ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އަދި އިންތިހާބު ނިމުމުން މުޅި ޕާޓީ އެއްބައިވާނެ ކަމަށްވެސް އެފަރާތްތަކުން ވިދާޅުވެ އެވެ.
+1
+1
+1
3
+1
+1
+1