މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ކާމިޔާބު ހޯއްދެވި ހުރިހާ ކެނޑިޑޭޓުންނަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބު ވެގެންދިޔައީ ވަރަށް ވާދަވެރި އިންތިހާބަށެވެ. އެގޮތުން މިފަހަކަށް އައިސް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ބަރުލަމާނީ ނިޒާމުގެ ވާހަކައަށް ތާއީދު ކުރައްވައި ބައެއް ކެނޑިޑޭޓުން އިންތިހާބަށް ނިކުތެވެ. ރައީސް ނަޝީދު ތާއީދު ކުރެއްވީ އެމެމްބަރުންނަށެވެ.
ރައީސް ސޯލިހު ތާއީދު ކުރައްވައި އިންތިހާބަށް ނިކުތް ކެނޑިޑޭޓުން ނިޒާމުގެ ވާހަކައެއް ނުދައްކަ އެވެ. އިންތިހާބަށްފަހު ރޭ ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރެއްވި ހުރިހާ މެމްބަރުންނަށް ތަހުނިޔާއާއި މަރުހަބާ ދަންނަވާ ކަމަށެވެ.
"އަދި މި އިންތިހާބުގައި ވާދަކުރެއްވި ހުރިހާ ކެނޑިޑޭޓުންނާއި ވޯޓުލުމުގައި ބައިވެރިވި ޕާޓީގެ މެމްބަރުންނަށް ޝުކުރު ދަންނަވަން"
- ރައީސް ސޯލިހު
އިންތިހާބަށްފަހު ރައީސް ނަޝީދު ވިދާޅުވީ ގައުމީ މަޖިލީހަށް ހޮވުނު ގިނަ މެމްބަރުން ތާއީދު ކުރަނީ ބަރުލަމާނީ ނިޒާމަށް ކަމަށެވެ. އެހެންކަމުން މިއީ މުޅި އެމްޑީޕީއަށާއި ރާއްޖެއަށްވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބެއްކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިފަދައިން ވިދާޅުވިނަމަވެސް އިންތިހާބުގައި ކާމިޔާބު ހޯދި ކެނޑިޑޭޓުންގެ 75 އިންސައްތަ އަކީ ރައީސް ސޯލިހުގެ ކެނޑިޑޭޓުންނެވެ. އިންތިހާބުވި މެމްބަރުންގެ ތެރޭގައި ރައީސް ސޯލިހުގެ އެންމެ އަރިސް މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިންވެސް ހިމެނެ އެވެ.