އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ގިނަ ބަޔަކަށް ބެހުމަށް މެދުވެރިއެއްގެ ރޯލު ކުޅުނު އެސްއޯއެފް ކުންފުނީގެ ވެރިންނަށް ދައުވާ ނުކުރުމަށް ދައުލަތުން ނިންމާފައިވަނީ ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލައިގައި ކަމަށާއި، އެކުންފުނިން ކޮށްފައިވާ އެހެން މުއާމަލާތްތަކާ ގުޅިގެން އެ ކުންފުނީގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފު މައްސަލާގެ އަޑުއެހުންތައް މިހާރު ސްޕްރީމް ކޯޓުގައި ދަނީ ކުރިއަށެވެ. މިދިޔަ ހޯމަ ދުވަހު ބޭއްވި އިސްތިއުނާފު އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ބުނެފައިވަނީ މި މައްސަލާގައި އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރުމަށް ދައުލަތުން ނިންމާފައިވާ ކަމަށެވެ.
ސަބަބެއް ކަމަށް ދައުލަތުން ބުނެފައިވަނީ ކުށް ކުރުމުގައި ބައިވެރިވާ މީހުންނަށް ކުށް ސާބިތު ކުރަން އެސްއޯއެފް ކުންފުނީގެ ވެރިންގެ އެހީތެރިކަން މުހިންމުވާތީ ކަމަށެވެ. އެމްއެމްޕީއާރުސީ ހިޔާނާތުގައި އެންމެ ގިނަ ފައިސާ ވަދެފައިވާ ކުންފުނި އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރަން ނިންމުމާ ގުޅިގެން ނޫސްވެރިންނާއި އާއްމުން ދަނީ ފީޖީ އޮފީހާ ގިނަ ސުވާލުތަކެއް އަމާޒުކުރަމުންނެވެ. މީގެ ތެރެއިން ބައެއް ސުވާލުތަކަށް ޖަވާބުދެމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ، މިހާތަނަށް ރާއްޖޭގައި ހިނގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ އެމްއެމްޕީއާރްސީ މައްސަލައިގައި އެސްއޯއެފް ކުންފުނީގެ ވެރިންގެ މައްޗަށް ދައުވާ ނުކުރަން ދައުލަތުން ނުނިންމާ ކަމަށާއި ހޯމަ ދުވަހު އޮތް ޝަރީއަތުގައި ދައުލަތުގެ ވަކީލުން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރާ ފައިސާގެ މައްސަލައާއި ގުޅިގެން އެ ކުންފުނީގެ މައްޗަށް ދައުވާ ނުކުރާނެ ކަމަށެވެ.