ނަޝީދަށްކުރި ނުލިބުނީމަ އޭނަގެ އުއްމީދަކީވެސް އެމްޑީޕީ ނައްތާލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސާ މަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީ ނައްތާލިޔަ ނުދިނުމަށްޓަކައި އެ ޕާޓީގެ ޗެއާ ޕާރސަން އާއި ރައީސް އަދި ނައިބު ރައީސް ވަގުތުން މަގާމުން ދުރުކުރަން އައު ގައުމީ މަޖިލީހަށް ގޮވާލާ ކަމަށެވެ. މޫސާ މަނިކު މިހެން ވިދާޅުވެފައިމިވަނީ ދާދި ފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ކުރާ ކެންޑީޑޭޓުން އިންތިހާބު ކާމިޔާބު ކޮށްފައި ވަނިކޮށެވެ.
މޫސާ މަނިކު މިގޮތަށް ތުހުމަތު ކުރެއްވިއިރު އެމްޑީޕީގެ ތެރޭގައި ނަޝީދު ފެކްޝަން އަދި ރައީސް ސާލިހުގެ ފެކްޝަނާއި ދެމެދު ކޮންމެ ދުވަހަކުވެސް ގިނަ ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވި އެއް ބަޔަކު އަނެއް ބަޔަކަށް ދަނީ ބޮޑެތި ތުހުމަތުތަކެއްވެސް ކުރަމުންނެވެ.