އަމާން އައްސޭރިއަކަށް ގައުމު ގެންދިއުމަށް ހަރުދަނާ ސާބިތު ޖީލެއް ބިނާކުރަންޖެހޭކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ، ބަވަނަވެފައިވާ ދުނިޔޭގައި މާސްމީޑިޔާގެ ކަޅުވިލާތަކުގެ ކޮޅިގަނޑުން ސަލާމަތްވެ އަމާން އައްސޭރިއަކަށް ގައުމު ގެންދިއުމަށް ހަރުދަނާ ސާބިތު ޖީލެއް ބިނާކުރަންޖެހޭކަމަށެވެ. މިނިސްޓަރ ވިދާޅުވީ އިންސާނުން ދިރިއުޅޭ ކޮންމެ ވަތަނެއްގައި އެބައެއްގެ ގައުމު ހިމާޔަތްކޮށް, އިސްތިއުމާރާ އަޅުވެތިކަމުން ސަލާމަތްވެ މިނިވަންކަމާ އިސްތިގުލާލް ރައްކާތެރި ކުރުމީ އިންސާނީ ކަރާމަތާއި އިއްޒަތުން ނަފުސުގެ އެންމެ މަތިވެރި އެއްސިފަކަމަށެވެ.
މިލޮބުވެތި ވަތަންގެ ފަހުރުވެރި ކާބަފައިން މިސިފަ އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދެއްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ކާބަފައިން އަޅުގަނޑުމެންނާ ގައުމު ހަވާލުކޮށްފައި މިވަނީ އެތައްބޮޑު ގުރުބާނީއަކުން ކަމަށެވެ. މިއަމާނާތް މާދަމާގެ ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ދީނީ އަދި ގައުމީ ވާޖިބެއްކަމަށް އިމްރާން ވިދާޅުވިއެވެ.
ދިވެހި ގައުމިއްޔަތުގެ އެންމެ މުހިއްމު އަސާސީ ބަހާއަކީ މާތްވެގެންވާ އިސްލާމްދީންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ދީނަށް ހުރުމަތްތެރިކޮށް ހިތާ ދަރިންތަކެއް ތަރުބިއްޔަތުކުރަން ޖެހޭކަމަށެވެ. މީގެއިތުރުން ދިވެހި ބަހަށް ފަރިތަ, ދިވެހި ތާރީޚާއި ޘަޤާފަތަށް ފަޚުރުވެރިވާ ދަރިންތަކެއް ބިނާކުރަންޖެހޭކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ޒަމާނުއްސުރެ ދިވެހިންގެ ކިބައިގައިހުރި ރީތި އާދަތަކާ ސިފަތައް ނަގަހައްޓަންޖެހޭކަމަށެވެ.