ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރަށް އެއަރޕޯޓް ދިން މައްސަލައިގަ ފިނޭންސް މިނިސްޓަރު އަމީރު ދެއްކެވި ވާހަކަތައް ޓުއަރިޒަމް މިނިސްޓަރ މައުސޫމް މާނަކޮށްދެއްވައިފިއެވެ.
ޓުއަރިޒަމް މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިނިސްޓަރ އަމީރު ވިދާޅުވި ވާހަކަތައް ސިޔާސީ ނަޒަރު އެއްކިބާކޮށް އިގުތިސޯދީ ނަޒަރަކުން ފަހުމުވެލުން މުހިންމު ކަމަށެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގެ ތޮއްޖެހުން އެއީ މިއަހަރު އަދި އަންނަ އަހަރުވެސް ފަތުރުވެރިކަަން އޮމާންކަމާއި އެކު ކުރިއެރުމަށް އޮތް މާސިންގާ ގޮންޖެހުމެއް ކަމަށް މައުސޫމް ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ޓްވިޓަރގައި އާއްމުކުރެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޖީއެމްއާރު އަތުން އެއަރޕޯޓު އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެއަރޕޯޓު އަތުލުމުގެ ސަބަބުން ރާއްޖެއިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނުކަމަށާއި އެއަރޕޯޓު ނުހެދުމުން ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް އޭރުގެ ސަރުކާރަށް ދެން ޖެހުނީ ބަޖެޓުން އެއަރޕޯޓް މަޝްރޫއަށް ފައިނޭންސް ކުރުމަށް ކަމަށް އަމީރުގެ ބަޔާނުގައި ބުނެފައިވެއެވެ.
އަމީރު މިގޮތަށް ބަޔާނެއް ނެރުމުން ގިނަ ބަޔަކު ވަނީ ފާޑު ވިދާޅުވެފައެވެ. މީގެ ތެރޭގައި އެދުވަސްވަރު މިނިސްޓަރުންގެ ގޮތުގައި ތިއްބެވި ފަރާތްތައްވެސް ހިމެނެއެވެ.