100 ކިލޯ މަސްތުވާތަކެތި އަތުލައިގަތް މައްސަލާގައި ފުލުހުން ހައްޔަރުކުރި 10 މީހުންގެ ތެރެއިން 2 މީހުން ދޫކޮށްލުމަށް ކޯޓުން ނިންމެވި މައްސަލަ އިސްތިއުނާފު ނުކުރަން ޕީޖީން ނިންމައިފިއެވެ.
ޕީޖީ އޮފީހުން ބުނީ މި ނިންމުން ބިނާވަނީ ހައިކޯޓު މަރުޙަލާގައި އިތުރު ހެކި ހުށަހެޅުމުގެ ފުރުސަތު ނޯންނާނެތީ ކަމަށެވެ. އަދި ދަށުކޯޓަށް ހުށަހެޅުނު ހެކި ގަރީނާގެ މައްޗަށް ބަލައި ބަންދުން ދޫކޮށްލި އަމުރު އިސްތިއުނާފު ކޮށްގެން ވަކި ތަފާތު ނަތީޖާއެއް ނެރެވިދާނެކަމަށް ނުފެނާތީ ކަަމަށްވެސް ޕީޖީން ހާމަކުރެއެވެ.
މީގެ އިތުރުން މި ދެމީހުންގެ މައްޗަށް އިތުރު ހެކި ގަރީނާ ހޯދިއްޖެނަމަ ހައްޔަރުކުރުމުގެ އައު އަމުރަކަށް އެދި ދަށުކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެތީ ކަމަށްވެސް ޕީޖީން ވަނީ ހާމަކޮށްފައެވެ. މިމައްސަލައިގަ ފުލުހުން ބުނެފައިވަނީ މި ދެ މީހުން ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އެ ދެ މީހުން ވަނީ ދޫކޮށްލައިފައި ކަމަށާއި އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެދިފައިވާ ކަމަށެވެ. އަދި ދޫކޮށްލާފައިވާ ދެ މީހުންނަކީ މަސްތުވާތަކެތި ރާޖެއަށް އެތެރެ ކުރުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.