މަސްތުވާތަކެތީގެ މައްސަލައިގަ ހިމެނޭ މީހުން މުޖުތަމައު ތެރެއަށް ދޫވާތީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ހުށަހެޅުއްވި މިމައްސަލަ ބަލައިގަތީ ޖަލްސާގައި ތިއްބެވި 32 މެންބަރުންގެ ތެރެއިން 23 މެންބަރުންގެ ވޯޓުންނެވެ. މައްސަލަ ބަލައިނުގަންނަން ހަތަރު މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ، މަސްތުވާތަކެތީގެ މައްސަލަތަކަކީ އެތައް އަހަރުތަކެއް ވަންދެން ހައްލުނުވެ މިކަމުގެ ސަބަބުން ރާއްޖެއަށް އެތައް ގޮތަކުން ނޭދެވޭ އަސަރުކުރަމުންދާ ކަމެއް ކަމަށެވެ. އާދަމް ޝަރީފު ވިދާޅުވީ، މިފަދަ ކުއްލި މައްސަލައެއް ހުށަހަޅަން ޖެހުނީ މި ފަހުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މިންވަރަށް ވަރަށް ބޮޑަށް އިތުރުވެގެން ދާތަން ފެންނާތީ ކަމަށެވެ. މީގެ އިތުރުން ފުލުހުން ދާދި ފަހުން ހިންގި އޮޕަރޭޝަނެއްގައި 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު އެ ފަރާތްތަކާއި މެދު އެންމެ އެކަށީގެންވާ ފިޔަވަޅު ނޭޅޭތީ އާދަމް ޝަރީފް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
އަދި ސަރުކާރުގެ މިއަދު ހާލަތަށް ބަލާއިރު މިފަދަ މީހުންނަށް އެކަށީގެންވާ ފިޔަވަޅެއް އެޅޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.