ޖަލުގެ ނިޒާމް އޮތީ ފެއިލްވެފައި ކަމަށާއި ޖަލުގައި ތިބޭ ގިނަ މީހުން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން އަލީ ހުސެއިން ވިދާޅުވީ، ޝަރުއީ މަރުހަލާއިން ދޫކޮށް ހުކުމް ކުރިޔަސް ޖަލަށް ލިޔަސް އެމީހުން ރަނގަޅުނުވާ ކަމަށާއި 10 އަހަރު ޖަލުގައި ބެހެއްޓިއަސް ރަނގަޅެއް ނުވާ ކަމަށެވެ. އަދި ޖަލުގެ ނިޒާމް އޮތީ ފެއިލްވެފައި ކަމަށާއި ޖަލުގައި ތިބޭ މީހުންގެ ދެބައިކުޅަ އެއްބައި މީހުން މަސްތުވާތަކެތި ބޭނުން ކުރާކަން ރިޕޯޓްތަކުން އެނގެން އެބައޮތް ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުން ދޫވާ މައްސަލަ ހައްލު ކުރުމަށް ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ނުވާކަން އެނގޭއިރު މިފަދަ މައްސަލަތަކާއި މެދު އަމަލު ކުރާ ގޮތް ހަރުކަށި ކުރުމާ މެދު ގޮތެއް ނިންމަން ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލަށްލާ މީހުން ރަނގަޅުވެ އަނބުރާ މުޖުތަމައު އަށް ނުކުމެވޭ ފަދަ ފުރުސަތެއް ނެތް ކަމަށާއި ޖަލުތަކުގެ ނިޒާމް އޮތް ގޮތުން މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުން ޖަލަށް ލުމަކީ ހައްލެއް ނޫން ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.