ގެއްލުނު ކުއްޖާ ހޯދުމަށް ކަނޑާއި ވައިގެ މަގުން 4706 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
އެގޮތުން އެމްއެންޑީއެފުން ބުނީ ކ.އޮޅުވެލި ރިސޯޓް ކައިރީ ކަނޑު މަތީގައި ހިނގި ހާދިސާގައި ގެއްލުނު ކުޑަ ކުއްޖާ ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް ކުރެވުނު މަސައްކަތުން އަދި ކުއްޖާ ފެނިފައިނުވާ ކަމަށެވެ، އަދި މި އޮޕަރޭޝަންގައި މިހާތަނަށް ކަނޑާއި ވައިގެ މަގުން 4706އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބެލިފައި ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
އޮޅުވެލި ރިސޯޓް ކައިރިން ކަނޑުމަތީގައި ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފައި ވަނީ މިމަހުގެ ސޯޅަ ވަނަ ދުވަހު ހަވީރުއެވެ.
އެދުވަހުގެ ހަވީރު 16:00 ގައި ފުރި މި ލޯންޗު އަޑިއަށް ގޮސްފައިވަނީ އޮޅުވެލި ރިސޯޓު ކައިރިންނެވެ. އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި ލޯންޗު އަޑިއަށް ދިޔައިރު، އެލޯންޗުގައި ކުޑަ ދެ ކުދިންނާއި އެކު ޖުމްލަ 12 މީހަކު ތިއްބެވެ. އަދި އެ ހާދިސާގައި ކަނޑަށް ވެއްޓިފައިވަނީ 3 މީހުން ނަމަވެސް އޭގެ ތެރެއިން ދެ މީހަކު ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އޮޅުވެލި ރިސޯޓް ކައިރިން ކަނޑުމަތީގައި ހިނގި ހާދިސާގައި ލޯންޗަށް ރާޅެއް އަރައި ތިން މީހަކު މޫދަށް ވެއްޓި 4 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ ގެއްލިފައެވެ. މި ކުއްޖާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީ ދަނީ އެދުވަހުގެ ހަވީރުން ފެށިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.