ކޮވިޑާއި ގުޅިގެން ސިއްހީ އިޖުތިމާއީ އަދި އިގްތިސޯދީ ކަންކަމަށް 3.9 ބިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.
ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑް19 ގުޅިގެން ސަރުކާރުން ކޮށްފައިވާ ހަރަދުތަކުގެ ޖުމުލަ އަދަދު ހަތަރު ބިލިއަނާ ގާތަށް ވަނީ އަރާފައެވެ. އެގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް-19 އާއި ގުޅުން ހުރި ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް 2.1 ބިލިއަން ރުފިޔާ ސަރުކާރުން ހޭދަކޮށްފައިވާއިރު އިގްތިސޯދީ ކަންކަމަށް މި މުއްދަތުގައި 1.7 ބިލިއަން ވަނީ ހޭދަކޮށްފައެވެ.
ސިއްހީ ދާއިރާއިން މިނިސްޓްރީ އޮފް ހެލްތަށް 836.3 މިލިއަން ހޭދަކޮށްފައިވާ ކަމަށާއި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް އެލަވެންސް ދިނުމަށާއި ސިއްހީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ގަތުމަށް ކަމަށް ފިނޭންސުން މިއަދު އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޮވިޑް-19 ރިކަވަރީ ލޯނުގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ހޭދަކޮށްފައި ކަމަށް ވެސް ފިނޭންސްގެ ރިޕޯޓުން ދައްކައެވެ.