އދ. ގެ މަތީ މަގާމެއް ދިވެއްސަކަށް ލިބުމަކީ ދިވެހިން ފަހުރުވެރިވާ ކަމެއް ކަމަށް ވިޔަސް، އެއަށް ވުރެ ބޮޑަށް ފަހުރުވެރިވާނީ އަމިއްލަ ގައުމުގެ ގާނޫނު އަސާސީގައިވާ ގާނޫނުގެ ވެރިކަން ހިންގުމުން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޮރިން ސާވިސްގެ ބިލުގެ ބަހުސްގައި ސަރުކާރަށް ފާޑު ވިދާޅުވަމުން އަލީ ހުސެއިން ވިދާޅުވީ، ގާނޫނު އަސާސީން ކަނޑައެޅިގެން ވަޒީރުން ކުރަން ނުޖެހޭ ކަންކަން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް މާލީ މަންފާއެއް ލިބޭ އިތުރު އެއްވެސް ކަމެއް ވަޒީރަކަށް ނުކުރެވޭނެ ކަމަށް ބުނެފައިވާ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
އެހެންކަމުން އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް މާލީ މަންފާ ލިބިވަޑައިގަންނަވާ ކަމަށާއި އެހެންވީމާ ޝާހިދު އެ ހުންނެވީ ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފަށް ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
އެގޮތުން ފޮރިން މިނިސްޓަރުގެ މަގާމައި އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގެ ތެރެއިން ކޮންމެ ވެސް އެއް މަގާމެއް އަބްދުﷲ ޝާހިދު އިހްތިޔާރު ކުރަން ޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ. އަދި ހަމައެއާއެކު ރާއްޖެއިން ބޭރުގެ އެތައް ގައުމެއްގައި އެމްބަސީތައް ގާއިމްކޮށް އެ އެމްބަސީތަކުން ވަޒީފާ ދެމުން ދަނީ ވަކި އާއިލާތަކެއްގެ ބަޔަކަށް ކަމަށް އަލީ ހުސައިން ތުހުމަތު ކުރެއްވިއެވެ. އެހެންކަމުން ހަމައެކަނި ފޮރިން ސާވިސްގެ ބިލަށް ބެލުމުން ވެސް ފެންނަނީ އާއިލީ ވެރިކަމެއް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.