ދިވެހިރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެގޮތުންނާއި ރާއްޖޭގައި ވެކްސިން ރައްކާތެރިކަމާއިއެކު ބެލެހެއްޓުމުގެ އިންތިޒާމް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޖަޕާން ސަރުކާރުގެ އެހީއާއިއެކު އިކުއިޕްމަންޓް މިއަދު ހަދިޔާކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިތަކެތި މިނިސްޓްރީ އޮފް ހެލްތުއާއި ޙަވާލްކޮށްދެއްވީ ޔުނިސެފްގެ ރެޒިޑެންޓް ރިޕްރެޒެންޓޭޓިވް މިސް މަރްޖާން މުންތަޒިމީ އަދި ޖަޕާން ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ހަރ އެކްސެލެންސީ މިސް ކެއިކޯ ޔަނާއީ އެވެ.
ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެގޮތުން މިއަދު ޙަވާލުކުރެވުނު ތަކެތީގެ ތެރޭގައި ވެކްސިން އުފުލުމާއި ރައްކާކުރުމަށް ބޭނުންވާ "ފްރީޒް ފްރީ ވެކްސިން ކެރިއަރސް" އަދި ކޯލްޑް ޗެއިން ސްޓޯރޭޖް ޤާއިމް ކުރުމަށްޓަކައި ބޭނުންވާ ފްރީޒަރ، ފިނިހޫނުމިން ވަޒަންކުރާ އާލާތްތައް، އިންފޮމޭޝަން ޓެކްނިލޮޖީ އާލާތްތައް އަދި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީ.ޕީ.އީ) ހިމެނެއެވެ. މިއަދު ޙަވާލްކުރެވުނު ތަކެއްޗާއި، މިޕްރޮޖެކްޓްގައި ހިމެނޭ ފަންނީ ލަފާގެ އެހީތެރިކަމާއެކު މުޅިޖުމްލަ 950،000.00 އެމެރިކާ ޑޮލަރުގެ އެހީ މިޕްރޮޖެކްޓްގެ ތެރެއިން ޞިއްޙީދާއިރާއަށް ލިބިގެންދާނެއެވެ.