ރައީސް ޔާމިން ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރު ކުންފުނިތަކާ ހަވާލުކުރެއްވި ފްލެޓުތަކުގެ މަސައްކަތްތައް ބަލާލަން މަޖިލީހުގެ އެސް.އޯ.އީ ކޮމިޓީއިން ކުރިޒިޔާރަތުގައި ފެނުނީ ރައްޔިތުންނަށް ވެރިކަންކޮށްދެއްވި ވެެރިއެއްގެ އިހްލާސްތެރިކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިގޮތަށް ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ހިޔާ ފްލެޓްތައް ކުދި ކަމަށް ބުނެ މިހާރުގެ ސަރުކާރުގެ އިސްވެރިންނާއި އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ދަނީ ވިދާޅުވަމުންނެވެ.
އަދި ކޮތަރު ކޮށީގެ ނަމުން ހިޔާ ފްލެޓްތަކަށް އެ ފަރާތްތަކުން ނަން ދީފައިވާއިރު ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުވެސް ވަނީ އެއީ މީހުން ދިރިއުޅެން ހެޔޮވާވަރުގެ ތަނެއް ނޫން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގެ ދުވަސްވަރު ހިޔާ ފްލެޓް ލިބުނު ގިނަ ބައެއްގެ އަތުން ފްލެޓް އަތުލައި އެހެން ބަޔަކަށް ފްލެޓްތައް ދިން މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. އަދި ފްލެޓް އަތުލި ފަރާތްތަކުން ވަނީ މީޑިއާގައި އެވާހަކަ ދައްކާ އެކަމާއި ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.