ބޭސް ވިއްކާއިރު ފައިދާގެ ގޮތުގައި އިތުރުކުރެވޭނީ އަގުގެ ސަތޭކަ އިންސައްތައާ ހަމައަށްކަމަށް މިނިސްޓްރީ އޮފް ހެލްތުން ހާމަކޮށްފިއެވެ.
ހެލްތުން މި ނިންމުމަށް އަމަލުކުރަން ފަށާނެ ކަމަށް ބުނެފައިވަނީ އަންނަ އަހަރުން ފެށިގެން ރާއްޖެ އެތެރެކޮށް ވިއްކާ ޑޮކްޓަރީ ބޭހުންނެވެ. ހެލްތު މިނިސްޓްރީން ނެރުނު ޢިއުލާނެއްގައި ވަނީ ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގައި ބޭނުންކުރާ ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ "މެކްސިމަމް ރިޓެއިލް ޕްރައިޒް" (އެމް.އާރު.ޕީ) ކަނޑައަޅަންވާނެ ކަމަށް ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާތީ، ރާއްޖެ އެތެރެކޮށް ވިއްކާ އެންމެހައި ބޭހަށް މެކްސިމަމް ރިޓެއިލް ޕްރައިޒް ކަނޑައެޅުމަށް ނިންމާފައިވާކަމަށެވެ.
މި އިއުލާންގައިވާ ގޮތުން މެކްސިމަމް ރިޓެއިލް ޕްރައިޒެއްއަގެއް ކަނޑައެޅުމުގައި ބޭސް ގަންނަ އަގަށް ބޮޑުވެގެން ލެވޭނީ ސަތޭކަ އިންސައްތަ އެވެ. މިގޮތުން ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކާ ހުރިހާ ބޭސްތަކަށް ސަތޭކަ އިންސައްތަ މެކްސިމަމް ރިޓެއިލް ޕްރައިޒެއް ކަނޑައެޅުމަށް ހަމަޖެހިފައިވާކަމަށްވެސް ވަނީ ބުނެފައެވެ. ދެ ފިޔަވައްސަކަށް ބަހައިލައިގެން މިމަސައްކަތް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާއިރު ފުރަތަމަ ފިޔަވަހީގައި ރާއްޖެ އިމްޕޯރޓްކޮށް ވިއްކާ ހުރިހާ އަސާސީ ބޭހަކަށް އަންނަ އަހަރުން ފެށިގެން ވިއްކޭނެ އެންމެ ބޮޑު އަގު ތަންފީޒު ކުރަން ފަށާނެކަމަށެވެ.
އަދި ދެވަނަ ފިޔަވަހި ތަންފީޒު ކުރާ ގޮތަށް ހަމަޖެހިފަިއވަނީ 2022 ވަނަ އަހަރުގެ މެދުތެރޭގައި ކަމަށާއި މި ފިޔަވަހީގައި، ރާއްޖެއަށް އިމްޕޯރޓްކޮށް ވިއްކާ ހުރިހާ ބޭހަކަށް، މެކްސިމަމް ރީޓެއިލް ޕްރައިޒް ތަންފީޒު ކުރަން ވަނީ ހަމަޖައްސާފައެވެ.