ރުފިޔާ ޗާޕު ކުރަން މަޖިލީހުން ފިނޭންސްއަށް ދިން ހުއްދައިގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދި މިއަދު އަނެއްކާވެސް ހުށަހަޅައިފިއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން މި މުއްދަތު އިތުރުކޮށްދިނުމަށް އެދި މަޖިލީހަށް ސިޓީ ފޮނުއްވާފައެވެ. މި ހުއްދަ ދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓަރު ހުށަހަޅުއްވާފައިވާ ގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް އަމަލުކުރުން ހުއްޓާލަން ފާސް ކުރަން ޖެހެއެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ދިމާވި މައްސަލަތަކާ ގުޅިގެން 2020 ވަނަ އަހަރު އެކަމަށް އެއް އަހަރު ދުވަހުގެ ހުއްދަ ދޭން މަޖިލީހުން ފާސްކުރިއެވެ.
މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން އެ މުއްދަތު އިތުރު އެއްއަހަރު ދުވަހަށް މަޖިލީހުން އިތުރު ކޮށްދިނެވެ. 20022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުން ފެށިގެން މި މުއްދަތު އިތުރު އެއް އަހަރު ދުވަހަށް އިތުރު ކޮށްދެއްވުމަށް އެދިވަޑައިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ވޭތުވެދިޔަ 18 މަސްދުވަހުގެ ތެރޭގައި މި ހުއްދައިގެ ސަބަބުން ދައުލަތުގެ ހަރަދުތައް ހަމަޖައްސައި، ހިދުމަތްތަކަށް ބުރޫ އެރިޔަ ނުދީ ދައުލަތް ހިންގުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަަށެވެ.
އަދި އިގްތިސާދީ ގޮތުން ފުން ވަޅުގަނޑަކަށް ރާއްޖެ ވެއްޓުނު ވަގުތު، ވިޔަފާރިތަކާއި އާއްމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ކޮވިޑް19 އާއި ގުޅިގެން ކުރި ސިއްހީ ހޭދަތަކާއި ރައްކާތެރި ކަމަށް ކުރަން ޖެހުނު ހަރަދުތައް ހަމަޖެއްސުމުގެ ފުރުސަތު ލިބިގެން ދިޔަކަމަށްވެސް ސިޓީގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ފައިނޭންސް ހޯދުމަށް އަދި ހުރަސްތަކެއް ކުރިމަތިވެފައި ވުމާއި، އަންނަ 2022 ވަނަ އަހަރުގެ އެޕްރީލްމަހުން ފެށިގެންވެސް ޕަބްލިކް ބޭންކް އެކައުންޓް އޯވަޑްރޯ ނުކޮށް ކުރިއަށް ދިއުމަކީ އިގްތިސާދަށާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނުރަނގަޅު އަސަރުކުރާނެ ކަމެއް ކަމަށް ވެސް ފިނޭންސް މިނިސްޓަރުގެ ސިޓީގައި ފާހަގަ ކުރައްވާފައިވެއެވެ.