ދީނީ އުސޫލު ހާމަ ކުރުމަކީ ކުށެއްނޫން ކަމަށް ބަޔާންކޮށް ނަފުރަތުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިބިލް މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސަައިންއެވެ.
މި ބިލު ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓް ފާސްކުރީ 50 މެންބަރުންގެ ވޯޓުންނެވެ. މިބިލްު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދީފައެއް ނުވެއެވެ. ޖުޑީޝަރީ ކޮމިޓީން ބިލަށް ގެނައި ބަދަލުތަކުގެ ތެރޭގައި އިސްލާމް ދީނުގެ އުސޫލުތައް ހާމަ ކުރުމަކީ ކުށަކަށް ނުވާނެކަން ބަޔާންކޮށް މާއްދާއެއް އިތުރު ކުރިއެވެ. އެގޮތުން މިމާއްދާގައި ބުނެފައިވަނީ އެކި ކަންކަމާ މެދު ކީރިތި ގުރުއާނާއި ސުންނަތުން ސާބިތުވާ އިސްލާމްދީނުގެ ހުކުމްތައް ބަޔާންކުރުމަށް މިމާއްދާ ހުރަސް ނާޅާ ކަމަށެވެ.
މީގެ އިތުރުން ވެސް ކުފުރު ކުރުމުގެ ކުށް ތަފްސީލްކޮށް ދެ ހާލަތެއް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ފުރަތަމަ ހާލަތުގައި އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވުމާއި އަދި ސުންނީ މުސްލިމުންގެ ރައުޔަކާ ހިލާފު ނުވާ ގޮތަށް ދައްކާ ވާހަކައަކާ ގުޅުވާފައި އެ މީހަކު ކާފަރު ކުރުމެވެ.
ދެވަނަ ހާލަތުގައި ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު ނުވަތަ ކުފުރުގެ ބަހެއް ފާޅު ނުކުރާހާ ހިނދަކު ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދުވާނެ ކަމެއް ނޫނީ ބަހެއް ނުފެންނަ ހިނދަކު އެ މީހަކު ކާފަރެއް ނުވަތަ މުރުތައްދެއް ގޮތުގައި ސިފަކުރުން ކަމަށް ބުނެފައިވެއެވެ.
މި ބިލު މިއަދު މަޖިލީހުން ފާސްކުރި އިރު މި ބިލަށް ވަނީ ބަންޑާރަ ނައިބު އާއި އިސްލާމިކް މިނިސްޓްރީގެ ހިޔާލު ހޯދައި އިސްލާހުތަކެއް ގެނެސްފައެވެ.