ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށް އިންޑިއާގެ އައު ސަފީރު ތައުރީފު ކުރައްވައިފިއެވެ.
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރު، ހިޒް އެކްސަލަންސީ މުނު މަހާވަރް، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހަށް މިއަދު އެރުވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އިންޑިއާ ސަފީރު ވިދާޅުވީ، ހާއްސަ ގޮތެއްގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމުގައި ހޯދާފައިވާ ގިނަ ގުނަ ކުރިއެރުންތައް ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު އެމަނިކުފާނުގެ ސަފީރު ކަމުގެ ދައުރުގައި ރާއްޖެއާ އިންޑިއާ އާއި ދެމެދުގައިވާ ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވިއެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖެއާއި އިންޑިއާ އާއި ދެޤައުމުގެ ދެމެދުގައި އޮންނަނީ ވަރަށް ޚާއްޞަ ގުޅުމެއް ކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ސަފީރު ވަނީ ދެ ޤައުމަށް ފައިދާހުރި ކަންކަމުގައި އިތުރު އެއްބާރުލުމާއި އެހީތެރިކަން ބޭނުންފުޅުވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމާއި، ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި، ދެޤައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރުމަށް ވެސް ދެބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެއަށް އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް މައްސަލަ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އިތުރު އުއްމީދީ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށް ވިދާޅުވިއެވެ. 2070 ވަނަ އަހަރު އަންނަންވާއިރަށް ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް ނެޓް ޒީރޯއަށް ދަށްކުރާނެ ކަމަށް، ކޮޕް26 ސަމިޓްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައިވުމުން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފު ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އާ ސަފީރަށް އެމަނިކުފާނު ސަފީރުކަމާއި ހަވާލުވެވަޑައިގެންނެވުމާއި ގުޅިގެން ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީން ކުރައްވާ ކަމުގައި ދެބޭފުޅުންވެސް ވިދާޅުވިއެވެ.