ފައިސާ ޗާޕްކުރުމުން ޑޮލަރުގެ އަގު ބޮޑުވެ ތަކެތީގެ އަގު އުފުލޭކަން އެނގިހުރެވެސް އެކަން ކުރުމަށް އިރު އިރުކޮޅާ މަސައްކަތް ކުރަމުން ދަނީ އެނގިހުރެ ރައްޔިތުން ބަނޑަށް ޖެއްސުމަށް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ، މިހާރު ބޭނުން ވަނީ ފައިސާ ޗާޕްކުރާ މެޝިނެއް ރައީސް އޮފީހުގައި ބަހައްޓަން ކަމަށާއި އެއިރުން ގައުމު ހިނގާނެ ކަމަށް އެއްބަޔަކު ގަބޫލުކުރާ ކަމަށެވެ. އަދި ގައުމު ބަނގުރޫޓުވުން ނޫނީ ފައިސާ ޗާޕްކުރުން ނޫން ގޮތެއް ނެތް ކަމަށް މާލިއްޔަތު ކޮމިޓީގެ މުގައްރަރި ވިދާޅުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އޮތް ހަމައެކަނި ގޮތަކީ ރައްޔިތުން ނިކުމެ ރައީސުލްޖުމުހޫރިއްޔާ އަޒުލު ކުރުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ގާނޫނީ އިމުގެ ތެރެއިން ރައީސުލްޖުމުޙުރިއްޔާ މިއަދު ބަދަލު ކުރަންޖެހޭ ކަމަށާއި ގައުމު ދަރަނި މިހާރު ބިލިއަނުން ކަޑައްތުކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އުފެއްދުންތެރި ކަމުގެ ނިސްބަތުން ރާއްޖެ އަކީ ބަނގުރޫޓުވެފައި އޮތް ގައުމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ދައުލަތުގެ ފަރާތުން ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ފައިސާ ޗާޕުކުރަން ދީފައިވާ 4.4 ބިލިއަން ރުފިޔާގެ ސީލިންގުން 3.5 ބިލިއަން ރުފިޔާ ޗާޕް ކުރުމަށެވެ. އެ ހުށަހެޅުމުގައި ވަނީ އޯޑީގެ އިންޓްރެސްޓް ރޭޓަކީ 0.1 ޕަސެންޓް ކަމުގައެވެ. ފިނޭންސް މިނިސްޓަރު އެދިވަޑައިގެންނެވީ ހުއްދައިގެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހަށް ދަންމާލުމަށެވެ. އޭގެ އިތުރުން މިއަހަރުގެ ނިޔަލަށް ޕަބްލިކް ބޭންކުން އޯވާޑްރޯވެފައި ހުރި މިންވަރު ސެކިއުރިޓައިޒް ކޮށް އެމްއެމްއޭއިން ސަރުކާރަށް ދޫކުރާ 50 އަހަރުގެ އެމޯޓައިޒިން ބޮންޑަކަށް ހެދުމަށްވެސް މިނިސްޓަރު އެދިވަޑައިގެންފައިވެއެވެ.