ފައިސާ ޗާޕުކުރާނެ ގޮތް މަޖިލީހުން ބުނުމަކީ އެމްއެމްއޭގެ މިނިވަންކަމަށް އަރައިގަނެވޭނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ ފައިސާ ޗާޕް ކުރަން ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އަމީރު ހުށަހެޅުއްވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްފަހު، އެކަން ކުރާނެ ގޮތުގެ ތަފްސީލުތައް ކޮމިޓީން ފާސްކުރުމަކީ، މަރުމަޒީ ބޭންކު (އެމްއެމްއޭ)ގެ މިނިވަންކަމަށް އަރައިގަނެވޭ ކަމެއް ކަމަށެވެ.
މަޖިލީހަށް އިސްތިސްނާ ދިނުމަށް ގާނޫނުގައި ވަނީ އިސްތިސްނާ ދިނުމަށް، އިސްތިސްނާ ދިނުމަށްފަހުގައި އެކަން ހިންގާނެ ގޮތް އެއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި ފިނޭންސާއި ދެފަރާތުން ނިންމާނެ ނިންމުމެއް ކަމަށާއި އިސްތިސްނާ ދިނުމަށް މެންބަރުން ވަނީ ނިންމަވާފައި ކަމަށް ނަޝީދު ވިދާޅުވިއެވެ.
މި ގޮތަށް މަޖިލީހުގެ ކައުންސިލަ ޖެނެރަލް ނަޝީދަށް ގާނޫނީ ލަފާ އަރުވާފައިވާއިރު، މާލިއްޔަތު ކޮމިޓީން މައްސަލަ ދިރާސާކޮށް އެކުލަވާލި ރިޕޯޓްގައި އެމްއެމްއޭގެ މި މިނިވަން މަސްއޫލިއްޔަތު އަދާ ކުރަންވީ ގޮތުގެ ތަފްސީލްތައް ހިމެނިފައިވާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒްއާ މަޝްވަރާ ކުރައްވައި އެ ކަން އިސްލާހު ކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ކޮމިޓީ ރިޕޯޓްގައިވަނީ މި ދަރަންޏަކީ 50 އަހަރުން ދައްކާ ބޮންޑަކަށް ބަދަލު ކުރަން ކަމަށް ވާއިރު އޭގެ އިންޓެރެސްޓް ރޭޓް ވެސް ކަނޑައަޅާފައި ވާތީ ކަންބޮޑުވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެކަމަކު އަސްލު މި މި ވާން ޖެހެނީ މަޖިލީހުން އަރުވާ ލަފައަކަށް ކަމަށާއި މަޖިލީހަށް އޮންނަނީ އިސްތިސްނާ ދިނުން ކަމަށްވާއިރު ދެން އެ ކަން ހިނގާނެ ގޮތް ނިންމާނީ އެމްއެމްއޭއިން ކަމަށް ގަބޫލުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިއަހަރުގެ އޭޕްރީލް އާ ހަމައަށް މަޖިލީހަށް ލިބިދީފައިވާ ބާރުގެ ދަށުން އެމްއެމްއޭއިން ފައިސާ އޯވަޑްރޯކޮށް އެ ފައިސާ ދެއްކުމުގެ މުއްދަތު އިތުރު އެއް އަހަރުގެ ދުވަހުގެ މުއްދަތަށް އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވަނީ ވިދާޅުވެފައެވެ.