ހައްގު ޝަރީއަތެއް ކޮށްފިނަމަ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށްބުނެ ގައިގަ އަތްލެވޭނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ޝުކުރިއްޔާ ރައްޔިތުން ގެ ނަމުގައި އިދިކޮޅު ޕީޕީއެމުން މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަމުން ރައީސް ޔާމީން ވިދާޅުވީ، އަދުލުގެ ނިޒާމު ހުރިހާ ނުފޫޒުތަކުންވެސް އެއްކިބާ ކުރަންޖެހޭ ކަމަށާއި އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރެއްވުމަށް ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. ޔާމީން ވިދާޅުވީ، ރައްޔިތުންގެ އަތުން ހުރިހާ ބާރުތަކެއް ކެހިފައި އޮތް ވަގުތެއްގައިވެސް ރައްޔިތުން ނިކުމެ ދެއްކެވި ނަމޫނާއަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
މިއަދު އަޅުގަނޑުމެން އެންމެވެސް މިދަނީ އިމްތިހާނުތަކާއި ކުރިމަތިލަމުން ކަމަށާއި ވަރުބަލިކަމެއް ފޫހިކަމެއްނެތި ރައްޔިތުން ކޮށްދެއްވި މަސައްކަތަށް ރައީސް ޔާމީން ޝުކުރު އަދާ ކުރެއްވިއެވެ.
އަދި ކައުންސިލް އިންތިހާބުގައި ބޮޑު އަގުލަބިއްޔަތެއް ޕީޕީއެމްއަށް ދިނީ ގައުމަށްޓަކައި ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާ ޕާޓީއަކީ ޕީޕީއެމްކަން ރައްޔިތުން ގަބޫލުކުރާތީ ކަމަށެވެ. އެޕާޓީގެ ފިކުރަކީ ވަތަނީ ގައުމީ ފިކުރު ކަމަށާއި ދިވެހިން ބޭނުންވާ ދީނީ ގައުމީ މަސައްކަތްތައް ކުރަނީ ޕީޕީއެމް ކަން އެއީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.