ސުޕްރީމް ކޯޓުން މިދިޔަ އަންގާރަ ދުވަހު ރައީސްގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ބާތިލް ކުރުމުން ރާއްޖެއިން ފިލައިގެން ދާން އުޅޭ ކަމަށް ސަރުކާރުން ތުހުމަތު ކުރުމުން، ފިލައިގެން ދިއުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
މިއަދު ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ރައީސް ޔާމީން ރާއްޖެއިން ފިއްލަވަން އުޅުއްވާކަމަށް ބުނެ އެމަނިކުފާނުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ދައުލަތުގެ ފަރާތުން ކުރިމިނަލް ކޯޓަށް ހުށަހެޅުމުން އެކަމާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ. މި އަޑުއެހުން ފެށުމާ ހަމައަށްވެސް ދައުލަތުން މައްސަލަ ހުށަހެޅި ފޯމު ޔާމީންގެ ވަކީލުންނަށް ލިބިފައިނުވެއެވެ. ޔާމީން ފިއްލަވަން އުޅުއްވުމުގެ ފުރުސަތު އޮތް ކަމަށް ދައުލަތުން ގަބޫލުކުރާ ސަބަބުތައް މިއަދުގެ އަޑުއެހުމުގައި ޕީޖީގެ ވަކީލުންވަނީ ހިއްސާކުރައްވާފައެވެ.
އެގޮތުން އެމްއެމްޕީއާރުސީ މައްސަލާގައި ހުކުމްކޮށްފައިވާ ކުރީގެ ނައިބުރައީސް އަހްމަދު އަދީބު ފިއްލަވަން އުޅުއްވުމަކީ ރައީސް ޔާމީން ފިއްލަވަން އުޅުއްވަފާނެ ކަމަށް ބަލަންޖެހޭ ސަބަބެއްގެ ގޮތުގައި ދައުލަތުން ކޯޓުގައި ފާހަގަކުރިއެވެ. އަދި މިއީ ރިޝްވަތު ނެގުމާއި މަނީ ލޯންޑަރިންގެ ކުށުގެ ތުހުމަތުކަމުގައި ކަމަށް ވާތީއާއި އެމަނިކުފާނަކީ ކުރިން ރައީސްކަން ކުރެއްވި ބޭފުޅެއް ކަމުގައިވާތީ އެ ގުޅުންތައް ހުރުމަކީވެސް ޔާމީން ފިއްލަވާފާނެ ކަމަށް ބަލަންޖެހޭ ސަބަބުތަކެއްގެ ގޮތުގައި ދައުލަތުން ފާހަގަކުރިއެވެ.