ރާއްޖެއާއެކު ދުނިޔޭގެ 46 ގައުމަކުން މިހާތަނަށް އޮމިކްރޮން ވޭރިއަންޓު ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ މި ވޭރިއަންޓް ފެނިފައިވާ ގައުމުތަކުގައި ބަލި ފެތުރުން އިތުރުވަމުންދާ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. އަދި ދިވެހިރާއްޖެއިން މިހާރު ވަނީ މި ވޭރިއަންޓް ފެނިފައި ކަމަށާއި މިކޭސްއަކީ ސައުތު އެފްރިކާއިން ރާއްޖެއަށް 21 ނޮވެމްބަރުގައި ޒިޔާރަތްކޮށްފައިވާ ޓުއަރިސްޓެއް ކަމަށްވެސް ހާމަކޮށްފައިވެއެވެ. މި ކޭސްގެ މައުލޫމާތު ލިބިފައިވަނީ ވޭރިއަންޓް ދެނެގަތުމަށްޓަކައި ޖިނޯމިކް ސީކުއެންސިން ހެދުމަށް ރާއްޖެއިން ބޭރަށް 30 ނޮވެމްބަރުގައި ފޮނުވުނު ސާމްޕަލްތައް ޓެސްޓު ކުރުމުން ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.
މީގެ އިތުރުން ޖިނޯމިކް ސީކުއެންސިން ހެދުމަށްޓަކައި ގަވައިދުން ވަކި އަދަދަކަށް ސާމްޕަލްތައް ޑަބްލިއުއެޗްއޯގެ އެހީގައި ދަނީ ޓެސްޓް ކުރަމުން ކަމަށާއި ރާއްޖެއިން ޖިނޯމިކް ސީކުއެންސިން ހެދިފައިވާ ސާމްޕަލްތަކުގައި އާއްމުކޮށް ފެނިފައިވަނީ ޑެލްޓާ ވޭރިއަންޓް ކަމަށެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މިކަމަށް ސަމާލުކަންދީ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ބަލި ފެތުރުން ކޮންޓްރޯލްކުރުމަށާއި ބަލިން ރައްކާތެރިވުމަށްޓަކައި އަމަލުކުރުމަށް އެ އެޖެންސީން އިރުޝާދުދީފައިވާ ގައިޑްލައިންތަކާއި ފިޔަވަޅުތަކަށް މުހިންމު ސަމާލުކަމެއް ދިނުމަށްވެސް ވަނީ އެދިފައެވެ. ދެކުނު އެފްރިކާއިން ފެނިފައިވާ އޮމިކްރޮން ވޭރިއަންޓަކީ މިހާތަނަށް ފެނިފައިވާ ވޭރިއަންޓްތަކަށްވުރެ ގިނަ މިއުޓޭޝަންތަކެއް ހިމެނޭ ވޭރިއަންޓެއް ކަމަށާއި މިއީ އިތުރު ނުރައްކާތެރި ކަމާއި ކުރިމަތިވެދާނެ ވޭރިއަންޓެއްކަން ފާޙަގަކޮށް މި ވޭރިއަންޓާ މެދު އިތުރު ސަމާލު ކަމެއް ދިނުމަށް ޑަބްލިއުއެޗްއޯއިން ވަނީ އިލްތިމާސްކޮށްފައެވެ.