މިއަހަރުގެ މިހާތަނަށްވެސް ފޭރުމުގެ 368 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ ފުލުހުންނަށް ހުށަހަޅާ ތަފާތު އެކި މައްސަލަތަކުގެ ތެރެއިން ވައްކަމާއި ފޭރުމުގެ މައްސަލަތަކަކީވެސް އާންމުކޮށް ހުށަހެޅޭ މައްސަލަތަައް ކަމަށެވެ. އަދި މި އަހަރު ނިމެން 12 ވަރަކަށް ދުވަސް ބާކީ އޮތް އިރު މިހާރުވެސް މި ބާވަތްތަކުގެ 4930 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް އެލިއުމުގައި ބުނެފައިވެއެވެ.
އަދި މީގެ ތެރެއިން 4562 މައްސަލައަކީ ވައްކަމުގެ މައްސަލަތައް ކަމަށާއި ބާކީ އޮތް 368 މައްސަލައަކީ ފޭރުމުގެ މައްސަލަތައް ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން މުޖުތަމައުގައި މިފަދަ ކުށްތަކަށް އަރައިގަންނަ މީހުން ތިބިއިރު އަދި ތަކުރާރުކޮށް މި ކުށްކުރާ މީހުންވެސް ތިބިކަން ވަނީ އެ ލިޔުމުގައި ފާހަގަކޮށްފައެވެ.
ފުލުހުން ބުނީ ހުށަހެޅިފައިވާ މައްސަލަތަކުގެ ތަހުގީގަށް ބަލާއިރު ފާހަގަވާ އެއެއް ކަމަކީ އެއީ މިފަދަ ކުށްތަކަށް އަރައިގަންނަ މީހުންނަށް މަގު ފަހިވާ ގޮތަށް ހުންނަ ބައެއް ކަންކަމެވެ. އެގޮތުން ދޭންވާ އެކަށީގެންވާ ސަމާލުކަން ނުދެވުމާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައި ނެތުމުން ހިނގާފައިވާ މިފަދަ މައްސަލަތަކުގެ އަދަދު ގިނަ ކަމަށް ބުނެފައިވެއެވެ.
މިހާރު އެންމެ އާއްމުވެފައިވާ އެއް މައްސަލައަކީ ސައިކަލު ވަގަށް ނެގުމާއި ސައިކަލުން ވައްކަން ކުރުން ކަމަށް ބުނެ އިތުރަށް އެ ލިއުމުގައި ބުނެފައިވަނީ ފުލުހުންގެ ތަހުގީގަށް ފާހަގަވެފައިވާ ގޮތުގައި، ސައިކަލު ވަގަށް ނަގާ މީހުން ގިނަ ފަހަރަށް އެކަން ކޮށްފައި ހުރީ ކޮންމެވެސް ދިމާއަކަށް ދަތުރުކޮށްލުމުގެ ބޭނުމުގައި ކަމަށެވެ. ނޫނީ ސައިކަލުގެ ކޮންމެވެސް ސްޕެއަރއެއް ބޭނުންވެގެން ކަމަށާއި އަދި މިގޮތަށް ވަގަށް ނަގާފައިވާ ސައިކަލުތަކަށް ބަލާއިރު ގިނައީ ހޮންޑާ 125 ބްރޭންޑުގެ ސައިކަލު ކަމަށްވެސް ބުނެފައިވެއެވެ. އަދި ވަގުންގެ ޝިކާރައަކަށްވީ މިފަދަ ގިނަ ސައިކަލަކީ ޕާކުކުރުމަށްފަހު ހުންގާނު ތަޅު ނުލައި ހުރި ސައިކަލު ކަމަށާއި ދެންހުރީ ޝަޓަރ ލޮކް ނުކުރާ ސައިކަލުކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ފުލުހުންބުނީ މަގުފޭރުމުގެ މައްސަލަތަކަކީވެސް އިތުރުވަމުން އަންނަ މައްސަލައެއް ކަމަށާއި މަގުފޭރުމުގެ ގިނަ މައްސަލަތަކުގައި ފޭރިގެންފައި ހުރީ މީހުންގެ ފޯނާއި ވޮލެޓު ފަދަ ތަކެތި ކަމަށް ފުލުހުން ބުނެއެވެ.