މިއަންނަ ހޮނިހިރު ދުވަހު ފެށޭ މީލާދީ އާ އަހަރާއި ދިމާކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާ އަށް ވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަކުރެއްވުމަށް ސްރީލަންކާއަށް ފުރާވަޑައިގެންނެވީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ކަމަށެވެ. ޗުއްޓީ ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން އަނބުރާ މާލެ ވަޑައިގަންނަވާނީ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު އެވެ. ރައީސްގެ ދެކަނބަލުން މީގެ ކުރިންވެސް ވަނީ ނުރަސްމީ ދަތުރުފުޅުގައި ސްރީލަންކާއަށް ވަޑައިގަންނަވައިފަ އެވެ. އެގޮތުން އެންމެ ފަހުން އެގައުމަށް މިދެބޭފުޅުން ވަޑައިގެންނެވީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން މިހިނގާ ދެހާސް އެކާވީސް ވަނަ އަހަރުގެ އާ އަހަރާއި ދިމާކޮށްވެސް ހަތަރު ދުވަހުގެ ޗުއްޓީއެއް ހޭދަކުރައްވަން ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް ވަޑައިގެންނެވި އެވެ.
މީލާދީ އާ އަހަރުގެ މުނާސަބާ ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރަން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެގޮތުން ހުޅުމާލޭ ދުވާ ޓްރެކުގައި މިޔުޒިކް ޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު އެޝޯގައި ރާއްޖޭގެ ބައެއް ފަންނާނުން ޕާފޯމް ކުރާނެ އެވެ. މީގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަންކިތު ތިވާރީވެސް ރާއްޖެ އައިސް އެ ޝޯގައި ޕާފޯމް ކުރަން ވަނީ ހަމަޖެހިފަ އެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އާ އަހަރެއް މިހާ ކުލަގަދަކޮށް ފާހަގަކުރާ ފުރަތަމަ ފަހަރެވެ.