ސްޓެލްކޯގެ ދަށުން ހިންގާ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ހާއްސަކޮށްގެން ބޭއްވި "ޕަވާ ހައުސް މެނޭޖާސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް 2022" ނިންމާލައިފިއެވެ.
ސްޓެލްކޯއިން މެނޭޖަރުންނަށް ހާއްސަކޮށްގެން ބޭއްވި ޓްރެއިނިން ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ރޭ ވަނީ ސެޓްފިކެޓް ދީފައެވެ. ޓްރެއިނިން ނިންމާލުމުގެ ގޮތުން ސްޓެލްކޯ ޓެރަހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރުއެވެ.
އެ ޕްރޮގްރާމްގެ ސަބަބުން ސްޓެލްކޯގެ އިންޖީނުގެތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެއީ ސްޓެލްކޯއިން ހިދުމަތްދޭ 30 ރަށެއްގެ މެނޭޖަރުންނަށް އަމާޒުކޮށްގެން ހަތަރު ދުވަހުގެ މުއްދަތަކަށް ބޭއްވި ޕްރޮގްރާމެކެވެ.
މެނޭޖަރުންނަށް ހާއްސަ އެ ޕްރޮގްރާމްގައި މެނޭޖަރުންގެ ލީޑަރޝިޕް ސްކިލްސްތަކާއި، މުވައްޒަފުން ބިނާކޮށް، މުވައްޒަފުންގެ ފަރާތުން އެންމެ ރަނގަޅު ހިދުމަތް ކުންފުންޏަށާއި، ރައްޔިތުންނަށް ލިބިގެންދާނެ ގޮތްތައް ވަނީ ދަސްކޮށްދީފައެވެ. އަދި ކުންފުނީގެ އެކި އެކި ދާއިރާތަކުގެ މަސައްކަތްތަކަށް އަހުލުވެރިވުމަށް ފުރުސަތު ލިބި، ހުރިހާ އިންޖީނުގެއެއްގެ މަސައްކަތްވެސް އެއް މިންގަނޑަކުން ކުރުމަށް ވަނީ ބާރު އަޅާފައެވެ.