ދަރިވަރުން ސްކޫލްއަށް ހާޞިރުވާއިރު މާސްކް އެޅުމަކީ މަޖުބޫރުކަމެއް ނޫންކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައްޔަށް ޕޮޒިޓިވްވާ ރޭޓް %20އަށްވުރެ ދަށްކޮށް އުޅޭ ރަށްރަށުގެ ސްކޫލްތަކަށް ދަރިވަރުން ފޮނުވާއިރު މާސްކް އެޅުން މަޖުބޫރު ނުވިނަމަވެސް ބެލެނިވެރިޔާއާއި ދަރިވަރުން ބޭނުންވާނަމަ މާސްކް އަޅައިގެން ސްކޫލަށް ފޮނުވިދާނެކަމަށާ ހައި ރިސްކް ދަރިވަރުން ސްކޫލްއަށް ހާޒިރުވާއިރު މާސްކް އެޅުމަކީ އެދެވިގެންވާކަމެއްކަމަށެވެ.
އެ މިނިސްޓްރީން ބުނީ ސްކޫލްގައި އުޅޭ ވަގުތުތަކުގައި މާސްކް އެޅުމަކީ މަޖުބޫރު ކަމެއް ކަމުގައި ނުވިނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްގެ ގޮތުން ސްކޫލްގައި ހުންބެލުމާއި ގިނަގިނައިން އަތްދޮވުމުގެ ކަންތައްތައް ކުރިއަށްދާނެ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން މާސްކް އެޅުން މަޖުބޫރުކަމެއް ނޫންކަމުގައި ކަނޑައަޅާފައިވާއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާންމު ތަންތަނުގައި އުޅޭއިރު މާސްކްއަޅަން ނުޖެހޭގޮތަށް ރޭ ވަނީ ނިންމާފަ އެވެ.
މީގެ ދެ އަހަރާއި ދެ ދުވަސް ކުރިން އިއުލާންކުރި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މރޭ އުވާލެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
އެ އިއުލާނަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއީއޯސީގެ އެތަނުގެ ކޮމިއުނިކެބަލް ޑިޒީޒް ޑިވިޝަންގެ ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިރެއަށްފަހު ރާއްޖޭގައި އެއްވެސް ރަށެއްގައި މާސްކު އެޅުން މަޖުބޫރެއްނުވާނެ ކަމަށެވެ.
ނަމަވެސް ކޮވިޑް-19 ފެތުރޭ ރަށްރަށުގައި އަދިވެސް އުޅެވޭނީ މާސްކު އަޅައިގެން ކަމަށް އޭނާ ވިދާޅުވި އެވެ. މާސްކު އަޅަންޖެހޭނީ ޓެސްޓު ކުރާ މީހުންގެ ތެރެއިން 20 ޕަސަންޓަށްވުރެ ގިނައިން މީހުންނަށް ބަލިޖެހޭނެ ނަމަ ކަމަށް ނަޒްލާ ވިދާޅުވި އެވެ.