ރިޔާސީ އިންތިޚާބު ނޫނަސް މަޖިލިސް އިންތިޚާބުތަކުގައިވެސް އަދި ކައުންސިލް އިންތިޚާބުތަކުގައިވެސް އެއްވެސް ޕާޓީއަކަށް އަގްލަބިއްޔަތު ވޯޓު ހޯދިފައިނުވާކަމަށާއި މުޅި ރާއްޖެ ތަމްސީލް ކުރާ މެމްބަރުން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ގާނޫނުއަސާސީ އިސްލާހު ކުރަން ޖެހިއްޖެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ނަޝީދު މިއަދު އާންމު ކުރެއްވި ލިޔުމެއްގައި ވިދާޅުވީ 5000 މީހުން ހިމެނޭ އިންތިހާބީ ދާއިރާއެއްގެ މައްޗަށް މަޖިލިސް އެކުލެވިގެންވާއިރު ކޮންމެ މެމްބަރެއް ތަމްސީލް ކުރައްވަނީ ވަކި ސަރަހައްދެއް ނުވަތަ ވަކި ރަށްތަކެއް ކަމަށެވެ.
ރާއްޖޭގެ ސިޔާސީ ތޮބިއްޔަތަށް ބަލާއިރު ބޮޑު ދެޕާޓީ ކަމަށްވާ އެމްޑީޕީ އާއި ޕީޕީއެމް އަށްވެސް ތާއީދު އޮންނަނީ ދާދި އެއް މިންވަރެއްގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެއީ 35 އިންސައްތަ އާއި 45 އިންސައްތަ އާ ދެމެދުކަމަށް ރައީސް ނަޝީދު ވިދަޅުވިއެވެ. މި ދެޕާޓީވެސް އިންތިޚާބު ކާމިޔާބުކުރުމަށް އެހެން ކުދި ޕަޓީތަކާ ގުޅެންޖެހޭކަމަށާއި މިގުޅުމަކީ ވަރަށް އަގު ބޮޑު ގުޅުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ އެންމެހާ ކަންކަން ހިނގަމުން ދަނީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގައި ކަމަށާއި މަޖިލީހަށް އިންތިހާބުވާ ގިނަ މީހުންނަކީ ޕާޓީތަކުގެ ފިކުރުގައި އިންތިހާބު ވެފައިވާ މެމްބަރުން ކަމަށެވެ. އަދި އެއީ ނެޝަނަލް ލިސްޓްގައި މަޖިލީސް އިން ޖާގަ ލިބޭ މެންބަރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
މި ބާވަތުގެ ބަދަލު ގެނައުމަކީ ބޭނުންތެރި ކަމެކެވެ. މަޖިލީހުގެ މެންބަރުންނަށް އެ ބޭފުޅުންގެ ރަށްތައް ތަމްސީލު ކުރުން ފިޔަވާ އެހެން ކަމެއް ކުރުން ދައްޗެވެ. ގައުމީ ނަޒަރަކުން ކަންކަމާއި ވަކާލާތު ކުރާނެ ބަޔަކު ބޭތިއްބުމަށް ނޭޝަނަލް ލިސްޓްގެ މެންބަރުންގެ ބޭނުންތެރިކަން ވަނީ އެތައް ގައުމެއްގެ ސިޔާސީ ހަޔާތް ކަށަވަރު ކޮށްދީފައެވެ.
ގިނަ ގައުމުތަކެއްގެ މަޖިލިސް އެކުލެވިގެންވަނީ ގައުމީ ލިސްޓެއްގައި މެމްބަރުން ހިމެނޭ ގޮތަށް ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ މަޖިލީހަށް ބަދަލުތައް ގެނައުމަށް ފެނިވަޑައިގަންނަވާ ގޮތް ހިއްސާކުރައްވާފައެވެ.
ގިނަ ގައުމުތަކުގައި ގެންގުޅޭ އެއް ހަމައަކީ މެމްބަރުން ހަމަވެގެން ރަޖިސްޓަރީ ވެފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށް ގޮނޑިއެއް ދީ އަދި ސިޔާސީ ޕާޓީތަކުން ކާމިޔާބު ކުރާ ކޮންމެ މިތައް ގޮނޑިއަކަށް އެ ޕާޓީއަކުން މެމްބަރެއް ކަނޑައެޅުމުގެ ފުރުސަތު ދިނުމުގެ އުސޫލެވެ. މިފަދަ މެމްބަރުން ވަކާލާތު ކުރާނީ އެބޭފުޅުން އިންތިހާބު ވެފައިވާ ދާއިރާ، ޔައުނީ: އެ ބޭފުޅުންގެ ސިޔާސީ ޕާޓީތަކުގެ އުސޫލުތަކާއި ފަލްސަފާތަކުގެ ދިފާއުގައެވެ.
މިފަދަ ބަދަލެއް ގެނެވިއްޖެނަމަ ދާއިރާތަކުގެ ބަދަލުގައި މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލް ވާނެ ކަމަށް ނަޝީދު ދެކެވަޑައިގަންނަވައެވެ. އަދި، މިހާރުގެ މަޖިލީހުގައި މުޅި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ މެމްބަރުން ނެތުމާއެކު މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރުން މިހާރު މަޖުބޫރުވެފައިވާ ކަމަށް ވެސް ނަޝީދުގެ ބަޔާނުގައި ވިދާޅުވިއެވެ.
ރަދުންގެ އަށް މެންބަރުން ވެސް އަދި ރައީސްގެ އަށް މެންބަރުން ވެސް ވަކާލާތު ކުރީ ރަދުންގެ ފަރާތްޕުޅުން ނުވަތަ ރައީސްގެ ފަރާތްޕުޅުން ކަމަށާއި މަޖިލީހުގެ އެއްވެސް މެންބަރަކީ އިންތިހާބަކާއި ނުލާ އައްޔަންވާ މެންބަރުންގެ ގޮތުގައި އޮތުމަކީ ޑިމޮކްރަޓިކް މަޖިލީހެއްގެ އަސާސީ އުސޫލާއި މުޅީން ހިލާފު ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.