ކީރިތި ރަސޫލާގެ ސީރަތުން ލިބިގަންނަންވީ އެންމެ އަގުހުރި އެއް ފިލާވަޅަކީ ތަފާތު ވިސްނުންތަކާއި ތަފާތު ހިޔާލުތަކުގެ މީހުންނާ އެކުގައި، އެއްބަނޑުއެއްބަފާ ގުޅުމެއްގެ ތެރޭގައި ދިރިއުޅުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކީރިތި ރަސޫލާގެ އީދު މީލާދުގެ މުނާސަބަތުގައި ފޮނުއްވެވި ހިތާބުގަ އެވެ.
ރައީސްގެ ހިތާބުގައި ވިދާޅުވީ ރަސޫލާގެ ޒިކުރާ އަޅުގަނޑުމެން އާކުރަނީ، އެކަލޭގެފާނުގެ ނަބަވީ ސީރަތުން ލިބިދޭ އިބްރަތްތެރި ފިލާވަޅުތަކުން، ދެދުނިޔެ ބާއްޖަވެރި ކުރުމުގެ މަތިވެރި މަގުސަދުގައި ކަމަށެވެ.
އެކަލޭގެފާނުގެ ސީރަތުން އަޅުގަނޑުމެން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، ތަފާތު ވިސްނުންތަކާއި ތަފާތު ހިޔާލުތަކުގެ މީހުންނާ އެކުގައި، އެއްބަނޑުއެއްބަފާ ގުޅުމެއްގެ ތެރޭގައި ދިރިއުޅުން ކަމަށާއި، އިސްލާމީ އުންމަތް އުފެދި ބިނާވެގެން އައީ އަދި އޭރު ދުނިޔޭގައި އޮތް ބާރުތަކާއި ހަޟާރަތްތަކުގެ މައްޗަށް އިސްލާމީ އުންމަތް ކާމިޔާބު ހޯދީ އެ ވަރުގަދަ ގުޅުމުގެ ސަބަބުން ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސްގެ ހިތާބުގައި ވަނީ ކީރިތި ރަސޫލާ މީސްތަކުންގެ މެދުގައި ގުޅުން ބަދަހި ކުރެއްވުމުގައި އަމަލުކުރެއްވި ގޮތްތަކުގެ މައްޗަށްވެސް ވާހަކަދައްކަވާފަ އެވެ. އަދި އަހަރަކު އެއްފަހަރު މައުލިދުއް ނަބަވީ ފާހަގަކުރާ އިރު، އަޅުގަނޑުމެންގެ ދިރިއުޅުމުން ހެޔޮ ބަދަލުތަކެއް ފެންނަންޖެހޭ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ހިތާބުގައި އިތުރަށް ވިދާޅުވީ މި އުންމަތުގެ މާތް ނަބިއްޔާގެ އީދު މީލާދު ފާހަގަކުރާއިރު މާތް ﷲ ޙަޟްރަތުން އެކަލޭގެފާނު ގެނެސްދެއްވި، އެއްކައުވަންތަކަމުގެ ރިސާލަތު ދަމަހައްޓައި، އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ސާބިތުވެ ތިބުމުގެ އަޒުމު އާކުރަންޖެހޭ ކަމަށެވެ.
ކީރިތި ރަސޫލާގެ އީދު މީލާދުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ސަނަތުން ކޮންމެ އަހަރެއްގެވެސް ރަބީއުލްއައްވަލް މަހުގެ 12 ވަނަ ދުވަހެވެ.