ރ. ދުވާފަރު ކައުންސިލުގެ މޮނިޓަރިން ރިޕޯޓުން ފާހަގަވި ކޮރަޕްޝަންގެ މައްސަލައިގައި އެރަށު ކައުންސިލްގެ 12 މީހަކު ހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބުނެފި އެވެ.
އެކޮމިޝަނުން މިހާރު ވަނީ އެމައްސަލަ ބެލުމަށްފަހު ޑިއުޓީ ޕްރޮސިކިއުޝަންގައި މަޝްވަރާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.
އޭސީސީން ބުނީ، ދުވާފަރު ކައުންސިލްގެ 12 މުވައްޒަފަކު ހިންގާފައިވާ މި މުއާމަލާތްތަކާއި ގުޅިގެން ތަޙުޤީގަށް ހޯދިފައިވާ ކަންކަމަށް ބަލާއިރު، މި މައްސަލައިގައި ގިނަ އަދަދެއްގެ ފައިސާގެ މުޢާމަލާތްތަކެއް، އުސޫލުތަކާއި ޚިލާފަށް ހިންގާފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.
އޭސީސީން މައުލޫމާތު ދޭ ގޮތުގައި މިދިޔަ އޮގަސްޓުމަހުގެ 25 އިން ސެޕްޓެމްބަރ 08 ވަނަ ދުވަހާ ހަމައަށް އޭސީސީގެ ޚާއްސަ ޓީމަކުން ވަނީ ދުވާފަރުގައި ހަރަކާތެރިވެފައެވެ. އަދި 30 ސެޕްޓެމްބަރުގައި މި މައްސަލައިގެ ތަޙުޤީގުވަނީ ނިންމާފައެވެ.
މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަޝްވަރާއަށް ފޮނުވިފައިވާއިރު، މިކަމާގުޅިގެން ދައުވާކުރެވޭނެ މީހުންގެ މަޢުލޫމާތު ހިމެނޭހެން އިތުރު ތަފްޞީލު އެ އޮފީހުން ހާމަކުރަމުން ގެންދާނެކަމަށްވެސް ވަނީ ބުނެފައެވެ.
އެލްޖީއޭގެ މޮނިޓަރިން ރިޕޯޓަކުން ފެންމަތިވެފައިވާ ގޮތުގައި ކޮވިޑް-19 ފެތުރެމުން ދިޔަ ދުވަސްވަރު ދުވާފަރު ކައުންސިލުގެ މެމްބަރުން ގެންދެވީ އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާ ކުރަމުންނެވެ. ތިޖޫރިން ނަގުދު ފައިސާ ނަގައި އެކި ކަންކަމުގައި ބޭނުން ކުރާ އިރު ހިސާބުތައް ނުބަލަހައްޓާ ކަމަށް ބުނެފައިވެއެވެ.
އެރިޕޯޓުގައިވާ ގޮތުން އެންމެ ބޮޑު އަދަދެއް ލިބިފައި ވަނީ އެސިސްޓަންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅަށެވެ.
މެމްބަރުންނަށް ދީފައިވާ ނަގުދު ފައިސާ އާއި ޖަމާކޮށްފައިވާ ފައިސާ:
އެސިސްޓަންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅު - 711،617.58ރ.
ކައުންސިލް މެމްބަރު މުހައްމަދު ޝާމް - 447،837.44ރ.
ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހުމަދު - 252،048ރ.
ކައުންސިލް މެމްބަރު ޒުހުދާ އާދަމް - 181،666.08ރ.
ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހު - 165،200.79ރ.
ކައުންސިލް މެމްބަރު އަހުމަދު ސަމޫހް - 128،696.47ރ.
ކައުންސިލް މެމްބަރު އައިމިނަތު ސަލާހު - 119،535.99ރ.
އަންހެނުންގެ ކޮމިޓީ ރައީސް އައިމިނަތު އަހުމަދު - 67،820ރ.
ހަވާލު ކުރި ފަރާތް ނޭނގޭ - 21،981
އެ ރިޕޯޓުގައިވާ ގޮތުން މާލީ ކަންކަމާ ގުޅޭ ލިޔެކިޔުންތައް ނުބެލެހެއްޓުމާއި މެމްބަރުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި ނަގުދު ފައިސާ އިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެމްބަރުންނާއި ބައެއް މުވައްޒަފުންނަށް ވެސް ވަނީ ފައިސާ ބަހައިފަ އެވެ. ނަމަވެސް އެކަން ދިފާއުކޮށް ދުވާފަރު ކައުންސިލުން ބުނީ އެލްޖީއޭގެ ރިޕޯޓުގައި ބައެއް ކަންކަން ހާމަކޮށްފައިވަނީ ހަގީގަތް އޮޅޭ ގޮތަށެވެ. އަދި އެ ރިޕޯޓަށް ކައުންސިލުން ޖަވާބު ދިނުމަށް ފުރުސަތު ދިނުމަށް ފަހު، ޖަވާބު ނުދެވެނީސް ރިޕޯޓު އާއްމުކުރުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް ދުވާފަރު ކައުންސިލްގެ ބަޔާނުގައި އޭރު ބުނެފައި ވެއެވެ.