ހދ. ނޭކުރެންދޫ ގައި އެޅުމަށް ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގެ މަސައްކަތް ކުރުމަށް ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ.
މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ހޯމް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަބްދުއްރަޙްމާން ޞަލާޙް ރަޝީދު އެވެ. ޔުނިކް ޗޮއިސް ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރިޔާޒް އަލީ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ރާއްޖޭގެ މިއަދުގެ ހާއްސަކޮށް ގޭންގް ތަކާއި ޑްރަކް ނެޓްވޯކްތަކާއި މަސްތުވާތަކެތީގައި ޖެހިފައިނާ ގިނަ ޒުވާނުން މުޖްތަމައަށް އަބުރާ ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
ހދ. ނޭކުރަންދޫގައި އަޅަން ނިންމާފައިވާ ޖަލުގެ މަސައްކަތްތައް މިހާރު ދާ ގޮތުން މި ދައުރުގެ ތެރޭގައި ޖަލު އަޅާ ނުނިމޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
ނޭކުރަންދޫ ޖަލުގެ ޕްރޮޖެކްޓަށް މި އަހަރަށް ލިބިފައި ވަނީ 10 މިލިއަން ރުފިޔާއެވެ. އަދި އަންނަ އަހަރަށް ހަމަޖައްސައި ދީފައި ވަނީ ވެސް 10 މިލިއަން ރުފިޔާ ކަމަށް މިނިސްޓަރު މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.