ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ބަހްރައިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ޚަލީފާގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފި އެވެ.
ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފުދެއްވެސް ރައީސް ސޯލިހާ އެކު ބަހްރައިން އަށް ވަޑައިގެންނެވި އެވެ.
ރައީސްގެ ދެކަނބަލުންގެ މިދަތުރުފުޅުގައި މިދިޔަ ބުރާސްފަތި ދުވަހު ބަހްރައިންގެ ޝާހީ ގަނޑުވަރު -ގުޟައިބިއްޔާއިން މަރުޙަބާ ވިދާޅުވީ ބަހްރައިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ޚަލީފާ އެވެ.
ރައީސް ސޯލިހް ވަނީ ބަހްރައިންގެ ރަސްގެފާނާއި ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ވެސް ކުރިއަށް ގެންދަވާފަ އެވެ. މިބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުންދީ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.
ރައީސްގެ މިދަތުރުފުޅުގައި އިއްޔެ ވަނީ ބަހްރައިންގެ ވަލީއަހްދު، ޑެޕިއުޓީ ސްޕްރީމް ކޮމާންޑަރު އަދި ބަޙްރައިންގެ ބޮޑު ވަޒީރާއި ބައްދަލުކުރައްވާފަ އެވެ. ރައީސް ވަނީ ބަހްރައިން އިކޮނޮމިކް ޑިވެލޮޕްމަންޓް ބޯޑަށް ޒިޔާރަތްކުރައްވައި ބޮޑު ވަޒީރުގެ ނައިބު އަދި ބަހްރައިން މުމްތަލަކަތް ހޯލްޑިންގް ކޮމްޕެނީގެ ޗެއާމަންއާ ވެސް ބައްދަލުކުރައްވާފަ އެވެ. އަދި ބަހްރައިން ޓެލެކޮމިއުނޭޝަން ކޮމްޕެނީ (ބަޓެލްކޯ)ގެ އިސްވެރިންނާ ވެސް ރައީސްގެ މިދަތުރުފުޅުގައި ބައްދަލުކުރައްވާފައިވެ އެވެ.
ރައީސްގެ ދެކަނބަލުން ބަހްރައިނަށް ކުރެއްވި މިދަތުރުފުޅަކީ މިހާތަނަށް ރާއްޖޭގެ އެންމެ އިސްވެރިއަކު އެ ގައުމަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.