މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ދިން ހަމަލާ ރައްޔިތުންގެ މަޖިލީހުން ކުށްވެރިކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މެންބަރު ޒަރީރަށް ދިން ހަމަލާ ހަރުކަށި އިބާރާތުުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ މައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލައި ފުރިހަމަ ތަހުގީގެއް ހިންގުމަށް މަޖިލީހުން ވަނީ ގޮވާލާފައެވެ.
ފުލުހުން ބުނީ ޒަރީރަށް ހަމަލާދިނީ ގްރޫޕަކުން ގޮސް ނުރައްކާތެރި ހަތިޔާރެއް ކަމަށް ބެލެވިދާނެ އެއްޗަކުން ކަމަށާއި އޭނާއަށް ހަމަލާ ދީފައިވަނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންދާ ކަމަށެވެ.
ނަމަވެސް މެންބަރު ޒަރީރަށް ހަމަލާ ދޭން ބޭނުން ކުރި ހަތިޔާރުގެ ތަފްސީލެއް ފުލުހުން ނުދެއެވެ.
މިހަމަލާގައި މެންބަރު ޒަރީރަށް ލިބުނު އަނިޔާތަކަށް އޭނާ ދަނީ އޭޑީކޭއިން ފަރުވާ ހޯދަމުންނެވެ.
މެންބަރު ޒަރީރަށް ހަމަލާ ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަމުންގެންދާއިރު މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކުރިކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.