ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަށް އެދި ފަރުޟު ކޮންމެ ނަމާދެއްގައި ކިޔަން ފެށި ގުނޫތު ކިޔުން އިސްލާމިކް މިނިސްޓްރީން ހުއްޓާލައިފިއެވެ.
18 އޮކްޓޫބަރު 2023 ވީ ބުދަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި، ފަރުޟު ފަސް ނަމާދުގެ ފަހު ރަކުއަތުގެ އިއުތިދާލުގައި ގުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން އެންގީ ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތަކާއި ގުޅިގެންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ 4 ފެބްރުއަރީ 2024 ވާ އާދިއްތަ ދުވަހުގެ މަޣުރިބު ނަމާދުން ފެށިގެން ވަގުތީ ގޮތުން ގުނޫތު ނާޒިލާ ކިޔަން ނުޖެހޭނެ ކަމަށެވެ.
ހަމާސްގެ މުޖާހިދުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ކުއްލިގޮތަކަށް ފުރަތަމަ ވަދެގަތީ ޣައްޒާގެ ވަށައިގެން އިސްރާއީލުން ބިނާކޮށް ޔަހޫދީން ވަޒަންވެރި ކުރުވާފައިވާ ޔަހޫދީ އަވަށްތަކަށެވެ. އެ ތަނަށް މުޖާހިދުން ވަދެގަތީ އިސްރާއީލް އާއި ޣައްޒާ ގުޅޭ ބޯޑަރު ކައިރި އަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ފަހުގައެވެ. އެގޮތުން އެއް ބަޔަކު ގޮވާ ޒާތުގެ އެއްޗެހިން ހަމަލާ ދިން އިރު، ޑްރޯން ބޭނުންކޮށްގެން އިސްރާއީލްގެ ޕޯސްޓުތަކަށް ހަމަލާދީ ޔަހޫދީން ބަލި ކުރިއެވެ. އަދި މުޖާހިދުން އަމިއްލައަށް އުފައްދާފައިވާ ވައިކުޑަތަކުގެ އެހީގައި ވަނީ އިސްރާއީލްގެ ބެލުމުގެ ދަށުގައި ހުރި ތަންތަނަށް ވަދެގަނެ ހަމަލާދީފައެވެ.
އިސްރާއީލުންް ދިން ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ހާސް ބަޔަކު ވަނީ ޝަހީދުވެފައެވެ.